ގާސިމް ހަސަންގެ މަރާ ގުޅުވައި އެކިއެކި މީޑިޔާތަކުން ފަތުރަމުން ގެންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވެއްޖެ އެވެ.
މިކަމާއި ގުޅިގެން މެންބަރު ޝަހީމް ނެރުއްވި ނޫސް ބަޔާނުގައި ބުނެފައިވަނީ، ގާސިމްގެ މަރާއި އޭނާއާ ގުޅުވައިގެން މީޑިއާތަކުގައި ދައްކާ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށާއި، ގާސިމް ދެނެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ގާސިމްއާ ބައްދަލުވެ ނޫނީ އެނޫން ގޮތަކުންވެސް ވާހަކަ ދައްކަވާފައި ނުވާނެކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުނެ ގާސިމްގެ މަރާއި އޭނާއާ ގުޅުމެއް އޮތް ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސްވަރެއްގެ ހަގީގަތެއް ހުރި ވާހަކަތަކެއްގެ މައްޗަށް ފަތުރާއަޑުތަކެއް ނޫންކަމަށާއި، ސޯޝަލްމީޑިޔާގައި އެ ދޮގު ވާހަކަތައް ފަތުރަމުން ގެންދާ ފަރާތްތަކަކީ މީގެކުރިންވެސް މިފަދަ ދޮގު އެހެން ވާހަކަތަކެއް ފަތުރަމުން ދިޔަ ފަރާތްތަކެއްކަން ޝަހީމްވަނީ އެ ބަޔާނުގައި ފާހަގަ ކުރައްވާފަ އެވެ.
ޝަހީމް ވިދާޅުވީ މިފަދަ ނުރައްކާތެރި އަދި ބިރުވެރި އަމަލުތަކާ ގުޅޭ ގޮތުން އެފަދަ ދޮގު ހަބަރުތައް ފެތުރުމުގެ ނަތީޖާއަކަށްވަނީ މުޖްތަމައު ތެރޭގައި އެއްބައެއްގެ މައްޗަށް އަނެއް ބަޔަކު ނަފުރަތުވެ ފިތުނަވެރިކަން އިތުރުވުން ކަމަށެވެ. ބަދަލުހިފުމުގެ ރޫހު އާލާވުމުގެ ސަބަބުން މިފަދަ ނުރައްކާތެރި އަމަލުތައް ތަކުރާރުވުމުގެ ފުރުސަތު އިތުރުވެގެން ދިޔުން ކަމަށެވެ.
އެހެންކަމުން، އެފަދަ ދޮގު ވާހަކަތައްފަތުރަމުންދާ ފަރާތްތަކުގެ ކިބައިން އެދެނީ އެފަދަ ދޮގު ހަބަރުތައް ފަތުރައި، ރައްޔިތުންނަށް ލިބިފައިވާ އަމާންއޮމާން ދިރިއުޅުން ނަގާލުމަށް މަސައްކަތް ނުކުރުމަށް ކަމަށެވެ. މޯލްޑިވްސް ޕޮލިސް ސާވިސްއިން ގާސިމް ހަސަންގެ މަރުގެ މައްސަލަ، އެމައްސަލައި ގެވަށައިގެންވާ އެންމެހައި ކަންކަމާއެކު ތަހްގީގުކޮށްދެއްވުމަށް އިލްތިމާސްކޮށްފައި ވެއެވެ. އަދި، ގާސިމްގެ މަރުގެ މައްސަލައިގައި ހިމެނޭ އެންމެހައިފަރާތްތައް ހޯދައި އިންސާފު ގާއިމުކޮށްދެއްވުމަށް ޝަހީމްގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި މިރާއްޖެއަކީ ސަލާމަތްތެރިކަމާއެކު ދިރިއުޅެވޭނޭ ރާއްޖެއަކަށްހެދުމަށްޓަކައި ފުލުހުން ކުރައްވަންޖެހޭ ކަންކަން ކޮށްދެއްވުމަށްވެސް ޝަހީމްގެ ބަޔާނުގައި ބުނެފައި ވެއެވެ.