އުއްތަމަފަނޑިޔާރުގެ މަގާމަށް މ.ގުލްފާމްގެ އަހްމަދު މުއުތަސިމް އަދްނާން އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

މުއުތަސިމަކީ މީގެކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ފަނޑިޔާރެކެވެ. އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރައްވާފައިވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗު ފަސް ފަނޑިޔާރުންނަށް ތިރިކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ގާނޫނަށް ގެންނެވި އިސްލާހާއި ގުޅިގެންނެވެ.

އުއްތަމަ ފަނޑިޔާރު ކަމަށާއި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމަށް ރައީސް ނަން ފޮނުއްވީ، އެ މަގާމުތައް ދާދި ފަހުން ހުސްވެފައިވުމުގެ ސަބަބުންނެވެ. ސުޕްރީމް ކޯޓުން ތިން މަގާމެއް ހުސްވެފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، އެއް ފަނޑިޔާރަކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އެގޮތުން، ފަނޑިޔާރުކަމުން ވަކި ކުރި ދެ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު ކަމުގައި ހުންނެވި އާދަމް މުހައްމަދު އަބްދުﷲއެވެ.