ރާއްޖޭގެ ރަށްތަކުގައި ތިބެގެން ރަނގަޅު ފެންވަރުގެ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި ރަށުން ލިބޭ ސިއްހީ ފަރުވާގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ކުރިއަށްއޮތް ދުވަސްތަކުގައި ތައުލީމާއި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި އިންގިލާބީ ކުރިއެރުންތަކެއް ހާސިލްކުރެވޭނެކަމުގެ ޔަގީންކަން އެމަނިކުފާން ވަނީ ދެއްވާފައެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާއެކު ރަށްރަށުގައި ދެވޭ ތައުލީމާއި ސިއްހީ ފަރުވާގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި ދިވެހި ދަރިވަރުންނަކީ ތޫނުފިލި ދަރިވަރުންތަކެއް ކަމަށާއި އެކި ދާއިރާތަކުން ރާއްޖެ ކުރިއެރުވުމުގައި ދިވެހީންގެ ހިއްސާ ބޮޑުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ކުރިޔަށްދިއުމުގައި ބޭނުންވާ ޓީޗަރުންނާއި ޑޮކްޓަރުންނާއި އިންޖިނޭރުން އަދި މިނޫންވެސް އެކިއެކި ފަންނުތަކުން ކުރިއަރާފައިތިބި ފަރާތްތައް ދިވެހި ގައުމަށް ވަޑައިގެން ހިދުމަތަށް ނުކުންނެވުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ދަރީން ތަރުބިއްޔަތު ކުރުމުގައި މުޖުތަމައަށް ފައިދާހުރި ދަރީންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށާއި އިސްލާމްދީނުގެ ރިވެތި އުސޫލުތަކުން ދަރީންނަށް ނަމޫނާ ދެއްކެވުމަށްވެސް ނައިބު ރައީސް އިލްތިމާސްކުރައްވާފައިވެއެވެ.