ކައުންސިލްތަކުގެ ތިންބައި ކުޅަ އެއްބައި އަންހެނުންނަށް ހާއްސަ ކުރުމުން ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލުން އަންހެނުންނަށް 6 ގޮނޑި ހާއްސަ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް ހަތަރެއްގައި ބާއްވަން ނިންމާފައި ވާއިރު އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރަމުންދަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ އިން މޭޔަރާއެކު 19 ގޮނޑި އަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ. މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގައި ހިމެނޭނީ 18 ގޮނޑި އެވެ. އައްޑޫ ސިޓީ ކައުންސިލްގައި މޭޔަރާއެކު 13 ގޮނޑި ހިމެނޭއިރު އެ ސިޓީގެ އަންހެނުން ކޮމެޓީ އަށް 10 މެންބަރުން އިންތިހާބު ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ފުވައްމުލަކު ސިޓީން މޭޔަރާއި އެކު ހަތް މެންބަރުން އިންތިހާބު ކުރާއިރު އަންހެނުން ކޮމެޓީގައި 6 މެންބަރުން ތިބޭނެއެވެ.

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުން ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އޮންނާނެ ގޮތް އިލެކްޝަނުން މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ 6 ގޮނޑި ހިމެނެއެވެ. އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ 4 ގޮނޑި ހިމެނޭއިރު ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ 2 ގޮނޑި ހިމެނެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ރާއްޖޭގެ ހިންގުމުގެ ނިޒާމުގައި އަންހެނުންގެ ދައުރު އަދި ހިއްސާ މީން ދުވަހަކު ނެތް ވަރަށް މިފަަރު ހިމެނިގެން ދާނެއެވެ.

ސަރުކާރުގެ ލާމަރުކަޒީ ނިޒާމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.