ނޭޝަނަލް އާޓް ގެލެރީ ކައިރިން ފޭރެން އުޅުނު ބަޔަކު ފުލުހުން ހުއްޓުވައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި، އިރުއޮށްސި 6.30 ހާއިރު ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު މެދު ޒިޔާރަތް މަގުގެ ނޭޝަނަލް އާޓް ގެލަރީ ކައިރީ ތިބި ދެ މީހެއްގެ އަމަލުތައް ހުރި ގޮތުން އެމީހުން ފޭރެން އުޅޭ ކަމަށް ޝައްކު ކުރެވިގެން އެދެ މީހުން ހުއްޓުވާފައިވާ ކަމަށެވެ. އަދި މިމީހުން ބަލާ ފާސްކުރި އިރު އެތަނުން އެކަކުގެ މޫނު ނިވާކުރަން ރުމާލެއް އައްސާފައި ހުރި ކަމަށް ފުލުހުން ބުނެއެވެ. އަަދި ފުލުހުން ފެނުމުން އެރުމާ ކަރާއި ހަމައަށް ތިރިކުރަން މަސައްކަތް ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ވޮލެޓުގެ ތެރެއިން ފެނުނު ކަތުރު/ ފޮޓޯ: ޕޮލިސް

މީގެ އިތުރުން އޭނާގެ ބުރަކަށި ފަރާތުން ޖީންސްއާއި ގަމީސް ދޭތެރެއަށް ކީޓޯ ބްރޭންޑްގެ އެއް ފައިވާން ޖަހާފައި ހުރިކަމަށާއި، އަދި ޖީންސްގެ ވާތުފައި ކުރި ތެރެއިން ކައްޓާއެކު އެއް ސިރިންޖު ފެނައިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. ދެވަނަ މީހާ ގެންގުޅުނު ކަޅު ކުލައިގެ ވޮލެޓެއްގެ ތެރެއިން އެއް ކަތުރު އަދި އޭނަ ގެންގުޅުނު ބްރައުން ކުލައިގެ ވޮލެޓެއްގެ ތެރެއިން 3 ކާޑު ފެނައިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.