ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރުކަން ދޫކޮށްލިނަމަވެސް، އެ ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ދިވެހިރާއްޖެ އަލުން ދަފުތަރުވުމަށް މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ރޫހާ ހިލާފަށް، މެންބަރުކަން އަލުން ދިނުމުގެ މަރުހަލާ ގަސްތުގައި ލަސްކުރަމުން ގެންދަވަނީ ވަކި ފަރާތަކަށް ބުރަވެގެން ހުންނެވި ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލަންޑް ކަމަށް، ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ގާނޫނު ހަދާ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ޚަބަރު ފަތުރާ އިންޑިއާގެ އިދާރާ 'ދަ ވަޔާ'އަށް ދެއްވި ހާއްސަ ބަޔާނަކާ ހަވާލާދީ އެ ނޫހުން ބުނީ، ކޮމަންވެލްތްގެ މެމްބަރުކަން ދިވެހިރާއްޖެއަށް އަލުން ދިނުމަށް އެ ޖަމިއްޔާއިން ކޮށް ނިންމަންޖެހޭ ކަންކަން ކުރުން ގަސްތުގައި ލަސްކުރައްވަމުން ގެންދަވާ ކަމީ ހިތާމަކުރައްވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވެފައިވާކަމަށެވެ.

ސްކޮޓްލަންޑްއަކީ ކާކު؟

ކޮމަންވެލްތުގެ މެމްބަރުކަން ދިވެހިރާއްޖެއަށް އަލުން ދިނުމުގެ މަރުހަލާ ގަސްތުގައި ލަސްކުރައްވަމުން ގެންދަވާ ޕެޓްރީޝާ ސްކޮޓްލަންޑްއަކީ، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ދިވެހިރާއްޖޭގެ ކުރީގެ ރައީސް ޑރ މުޙައްމަދު ވަޙީދު ހަސަން މަނިކުގެ ވެރިކަމުގެ ދުވަސްވަރު ދިވެހި ސަރުކާރުގެ ކޮންސަލްޓަންޓްއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތެއްކަން ނަޝީދު ފާހަގަކުރެއްވި ކަމަށްވެސް ދަ ވަޔައިން ވަނީ ރިޕޯޓްކޮށްފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބޭފުޅުން ކޮމަންވެލްތުގެ އެސެސްމެންޓް ޓީމާ ބައްދަލު ކުރައްވަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ

ސްކޮޓްލަންޑްއާއި ޔާމީން ސަރުކާރުގެ ގުޅުން

ޕެޓްރީޝާ ސްކޮޓްލަންޑްއަކީ އިނގިރޭސިވިލާތުގެ ދައުލަތުގެ ބަންޑާރަ ނައިބު ކަމުގެ މަގާމާ، އެގައުމުގެ ހައުސް އޮފް ލޯޑްސްގެ މެމްބަރުކަންވެސް ކުރައްވާފައިވާ ސިޔާސީ އަދި ގާނޫނީ ދާއިރާގެ ތަޖުރިބާކާރަކަށްވާއިރު، އަސްކަރީ ބަގާވާތަކުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު ދިވެހި ދައުލަތް ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ޑރ ވަހީދުގެ ސަރުކާރުގެ ދުވަސްވަރު ކޮމަންވެލްތްއިން ރާއްޖެ ސަސްޕެންޑް ކުރި މައްސަލާގައި، ދިވެހި ސަރުކާރަށް ލަފާ ދޭ މުޝީރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްދެއްވުމުގެ ފީއެއްގެ ގޮތުގައި 50000 ޕައުންޑް (1.25 މިލިއަން ދިވެހި ރުފިޔާ) ދިވެހި ރާއްޖެއިން އެމީހަކަށް ހަރަދުކޮށްފައިވާ ފަރާތެއްކަމަށް ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްއިން ހެކި ލިބިފައިވާ ފަރާތެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ދިވެހިރާއްޖެއިން ކޮމަންވެލްތްގެ މެމްބަރުކަން ދޫކޮށްލާކަން ރަސްމީކޮށް އިއުލާން ކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ދިވެހިރާއްޖޭގައި އޭރު އޮތް ސަރުކާރުން އެ ނިންމުން ނިންމެވީ، ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ޔާމީންގެ ސަރުކާރުން އެދެވޭ ކުރިއެރުންތަކެއް ހޯދަމުން ނުދާ ކަމަށާ، 6 މަސްދުވަހުގެ ތެރޭގައި ކޮމަންވެލްތްގެ މެމްބަރުކަން ރާއްޖެ ބޭރުކުރެވިދާނެ ކަމުގެ އިންޒާރު، އެ ޖަމިއްޔާއިން 3 ހަފުތާއެއްހާ ދުވަހުގެ ތެރޭގައެވެ.

ރާއްޖޭގެ ސިޔާސީ އޮއެވަރު ބަދަލުވުން

އެއަށްފަހު ވިދިގެން އައި 24 ވަރަކަށް މަސްދުވަހަކީ ދިވެހިރާއްޖޭގެ ސިޔާސީ އެއޮވަރަށް ބޮޑެތި ބަދަލުތަކެއް އައި ދުވަސްވަރެކެވެ. ގިނަ ބަޔަކު ސިއްސުވާލި ސިޔާސީ އިއްތިހާދުން އަރާ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް، ދިވެހިރާއްޖޭގެ ވެރިކަން ކުރާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިއްތިހާދުން ނެރުނު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް ސޯލިހުކަން ކަނޑައެޅިގެން ދިޔައީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު (ވ) ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ) އާއި ސަލާމް ކުރައްވަނީ / ފައިލް ފޮޓޯ

ކޮމަންވެލްތްގެ މެމްބަރުކަން ހޯއްދެވުމަކީ ރައީސް ސޯލިހުގެ ސަރުކާރުގެ އެއް އަމާޒަށްވާއިރު، އެކަމަށް އެދިވަޑައިގެން 53-މެމްބަރު ގައުމުގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުވާމީ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލަންޑްއަށް ސީދާ ރައީސް ސޯލިހު ސިޓީފުޅެއް ފޮނުއްވީ ހަމަ އެހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން އަހަރެއްހާ ދުވަސް ވީއިރުވެސް، މިކަމަށް އަދި އަލިމަގެއް ފެނިފައެއް ނުވެއެވެ.

ބޭނުންވަނީ ކޮމަންވެލްތް އާއިލާގެ މެމްބަރުކަން: ނަޝީދު

ކަންމިހެން އޮތްއިރު، ދިވެހިރާއްޖެއިން އަދިވެސް ބޭނުންވަނި ކޮމަންވެލްތު އާއިލާގެ މެމްބަރެއްގެ ގޮތުގައި ދެމި އޮތުމަށް ކަމަށް ނަޝީދުގެ ބަޔާނުގައި ވިދާޅުވި ކަމަށް ދަ ވަޔައިން ބުނެއެވެ.

މެމްބަރުކަން އަލުން ދިނުމުގެ މަރުހަލާ

ކޮމަންވެލްތުގެ މެމްބަރުކަން ގައުމަކަށް އަލުން ދިނުން ބެހިފައި އޮންނަނީ 4 މަރުހަލާއެއްގެ މަޗަށެވެ. ފުރަތަމަ ކަމަކީ ގައުމަކުން އެކަމަށް އެދި ޝައުގުވެރިކަން ފާޅުކުރުމާ، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ހިންގަވާ އެސެސްމަންޓްތަކެކެވެ. ދެވަނަ މަރުހަލާއަކީ މެމްބަރު ގައުމުތަކާއެކު މިކަމާ ގުޅިގެން ސެކްރެޓަރީ ޖެނެރަލް މަޝްވަރާ ކުރެއްވުމެވެ. މިކަން ނިމުމާއެކު ރަސްމީކޮށް އެކަމަށް އެދި، ޝައުގުވެރިވާ ގައުމުން ކޮމަންވެލްތްއަށް ހުށަހަޅަންޖެހެއެވެ. ހަތަރުވަނަ އަދި އެންމެ ފަހު މަރުހަލާއަކީ، ޝައުގުވެރިކަން ފާޅުކުރި ގައުމަކީ، ކޮމަންވެލްތްގެ ރޫޙާ މިންގަނޑަށް ފެތޭ ގައުމެއްކަން އެ ގައުމުން ސާބިތުކޮށްދިނުމެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު / ފޮޓޯ: އެމްޑީޕީ

ކޮމަންވެލްތްގެ މެމްބަރުކަން އަލުން ހޯދުމަށް ރާއްޖެއިން ޝައުގުވެރިކަން ފާޅުކުރި ފަހުން 3 ފަހަރެއްގެ މަތިން އެސެސްމަންޓް ހަދާފައިވާކަން ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އިންސާނީ ހައްގުތަކާ، ސަރުކާރު ހިންގުމުގެ ބާރުން ފެށިގެން ގޮސް، ގާނޫނު ނެގެހެއްޓުމުގެ ދާއިރާއަށް ބެލިކަމުގައި ވީ ނަމަވެސް، ރާއްޖެއަކީ މިހާރުވެސް ކޮމަންވެލްތްގެ މެމްބަރުންގެ ގޮތުގައި ތިބި ބައެއް ގައުމުތަކަށްވުރެ ކުރީގައި އުޅޭނެ ގައުމެއް ކަން ނަޝީދު ފާހަގަކުރެއްވި ކަމަށްވެސް ދަ ވަޔާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ޖަވާބު ނުލިބޭ ބޮޑު ސުވާލު

އަންނަ އަހަރުގެ މެދަކާ ހިސާބުގައި ރުވާންޑާގައި އޮންނަ ކޮމަންވެލްތް ސަމިޓްގައި މެމްބަރެއްގެ ގޮތުން ދިވެހިރާއްޖެއަށް ބައިވެރިވެވިދާނެ ކަމަށް ދިގު އިންތިޒާރެއް ކުރަންޖެހުމަކީ ދިވެހިރާއްޖެއިން ހިތާމަކުރާކަމެއް ކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ، މިކަން ދިގުލައިގެން ދިއުމަކީ ކޮމަންވެލްތްގެ މެމްބަރުންގެ ގޮތުގައި ތިބި އެހެން ގައުމުތަކުންވެސް އެދޭނެ ކަމެއް ނޫންކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައި ކަމަށް ދަ ވަޔާއިން ބުނެއެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު (ކ) އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއާއިއެކު ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރައްވަނީ/ފޮޓޯ: އިންޑިއާ އެމެރިކާ ޓުޑޭ

ބައިނަލްއަގުވާމީ މުޖުތަމައުގެ ވިސްނުން ހުރީ ކިހިނެއް؟

ކޮމަންވެލްތުގެ މެމްބަރުކަން ހޯދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެންމެ ފާޅުގައި އެއްބާރުލުން ދެމުންދާ އެންމެ ބޮޑު އެއް ބާރަކީ އަވަށްޓެރި އިންޑިޔާއެވެ. އެގޮތުން މިއަހަރުގެ މެދެއްހާ ހިސާބުގައި ލަންޑަންގައި އޮތް ކޮމަންވެލްތް ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ދެއްވި ތަގުރީރުގެ ބޮޑު ބައެއްހެން ހާއްސަކުރެއްވީ، ކޮމަންވެލްތުގެ މެމްބަރުކަން ދިވެހިރާއްޖެއަށް ދިނުމުގެ މަރުހަލާގެ ދުވެލި އަވަސް ކުރުމުގެ މައްޗަށްކަން ފާހަގަކުރަންޖެހެއެވެ.

ކޮމަންވެލްތު މެމްބަރު ގައުމުގެ ސިއްކަ ދިވެހިރާއްޖެއަށް އަލުން ދޫކުރުމުގެ ކަންކަން މިފަދަ ގޮތަކަށް ދާއިރު، އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ޕެޓްރީޝާ ސްކޮޓްލަންޑްއާއި ޝެރީ ބްލެއާގެ މާޒީގެ ގުޅުންތަކުގެ ކިލަނބުކަން، މި މަސައްކަތަށް ކޮށްގެން ނުވާނެކަމަށް ނަޝީދު ވިދާޅުވި ކަމަށް ވަޔާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އޮމްނިއާ ސްޓްރެޓެޖީގެ އަސަރު

ޔާމީން ސަރުކާރުގައި ދިވެހިރާއްޖޭގައި 'ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ' މަސައްކަތަށް ލަފާދޭ ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖެއްސި ލޯފާމަން 'އޮމްނިއާ ސްޓްރެޓެޖީ'އަކީ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާގެ އަނބިކަނބަލުން ޝެރީ ބްލެއާގެ ލޯ ފާމެވެ. ގިނަ ބަޔަކު ވަނީ، އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ 'ލެއިން' ކިލަނބުވެފައިވާ ޔާމީންގެ އަބުރާ އިއްޒަތް 'ތާހިރު'ކޮށްދޭ ބައެއްގެ ގޮތުގައިވެސް އެ ލޯ ފާމްސިފަކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ކޮމަންވެލްތްގެ މެމްބަރުކަން ރާއްޖެއަށް އަލުން ދިނުމުގެ މަސައްކަތް ލަސްވަމުންދާ ދިއުން ހުއްޓުމަކަށް ގެނައުމަށް އެހެން ގައުމުތަކުން އެއްބާރުލުން ދޭން ތައްޔާރަށް އޮތްކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވަނީ، ހުރިހާ ގައުމަކުންވެސް މިކަން ކުރަން ބޭނުންވަނީ ކަނޑައަޅާފައިވާ މަރުހަލާގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. އަދި މިކަންކަމުގައި އެ ގައުމުތަކުން ގެންގުޅޭ ރޫޙަށް ކޮންމެވެސް ވަރެއްގެ ދުލެއް ދެއްވާނެ ކަމުގެ ނަޝީދުގެ އެބައޮތް ކަމަށްވެސް ދަ ވަޔާއިންވަނީ ރިޕޯޓްކޮށްފައެވެ.

ކޮމަންވެލްތުގެ ރައްދު

މިކަމާބެހޭ ގޮތުން ކޮމަންވެލްތުގެ ބަހެއްވެސް ދަ ވަޔާއިންވަނީ ހިމަނާފައެވެ. ކޮމަންވެލްތުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ދަ ވަޔާއިން ބުނީ، ކޮމަންވެލްތުގެ މެމްބަރުކަން ރާއްޖެއަށް އަލުން ދިނުމުގެ މަސައްކަތް މިހާރު އޮތީ ސެކްރެޓަރީ ޖެނެރަލާ މެމްބަރު ގައުމުތަކާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތަކާ ހިސާބުގައި ކަމަށާ، މިކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ސެކްރެޓަރީ ޖެނެރަލް ކުރިއަށް ގެންދަވަނީ ދިވެހި ސަރުކާރާ އެކުގައި ކަމަށެވެ.

ކަންމިހެން އޮތްއިރު، ޕެޓްރީޝާ ސްކޮޓްލަންޑްއާއި ގުޅިގެން ނަޝީދު ކުރެއްވި ތުހުމަތުތަކަށް ކޮމަންވެލްތްއިން އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ.

ދިވެހި ސަރުކާރުގެ އިސް މަސްދަރަކާ ހަވާލާދީ ދަ ވަޔާއިން ބުނީ، ކޮމަންވެލްތުގެ މެމްބަރުކަން 2020 ވަނަ އަހަރުގެ ކުރީކޮޅު އަލުން އަނބުރާ ރާއްޖެއަށް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.