ފުލުހުން ޖަވާބުދާރީ ކުރާ ނިޒާމު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމަށްޓަކައި “ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު”ގެ ނަމުގައި ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ވަނީ ރައީސް އޮފީހަށް ފޮނުވާފައެވެ

ފުލުހުންގެ ހިދުމަތުގެ ބިލު މެދުވެރިކޮށް އިސްލާހުކުރުމަށް ހުށަހެޅޭ މައިގަނޑު ކަންކަމުގެ ތެރޭގައި:

  • ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ މައްޗަށް ބިނާވެގެންވާ ފުލުހުންގެ ހިދުމަތެއް، ލާމަރުކަޒީ އުސޫލުން، އިދާރީ ދާއިރާތަކުގައި ފޯރުކޮށްދެވޭނެ އުސޫލު ތައާރުފުކުރުން
  • ފުލުހުންގެ ޒިންމާތައް އަދާކުރުމުގައި، ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރު ބޭނުންކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެން ވަނީ ކަމާ ގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ އުސޫލުތަކުގެ ދާއިރާގެ ތެރޭގައިކަން ކަނޑައެޅިގެން ބަޔާންކުރުން
  • ކޮމިޝަނާ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މީހުން އައްޔަންކުރުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކޮށް، މަގާމުގެ ޝަރުތުތައް ކަނޑައެޅުން
  • ގާނޫނުއަސާސީއާއި ގާނޫނުގެ ދާއިރާގެ ތެރޭގައި ފުލުހުންގެ ހިދުމަތް ހިންގުމަށް ކޮމިޝަނަރަށް ދޭންޖެހޭ މަޝްވަރާއާއި ލަފާ ދިނުމަށާއި، އެކަންކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނަރަށް ލަފާދޭ ބަޔަކު ތިބެންވާނެ ކަމަށް ކަނޑައެޅުން
  • ވަކިވަކި ފުލުހުންނަށް މިނިސްޓަރަށް އަމުރުނުކުރެވޭނެ ކަމުގައި ކަނޑައެޅުމާއެކު، ފުލުހުންގެ ހިދުމަތާގުޅޭ ކަންކަމުގައި މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތު މިހާރަށްވުރެ ސާފުކޮށް ބަޔާންކުރުން
  • ތަހުގީގުތައް ހިންގުމުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ދައުރު ބަޔާންކުރުން
  • ފުލުހުންގެ ހިދުމަތް ޖަވާބުދާރީކުރުވުމުގައި 241 ކޮމިޓީގެ ދައުރު ބަޔާންކުރުން
  • ކުށްކުރުން ހުއްޓުވުމާއި، އަމަން ބެލެހެއްޓުމާ ގުޅޭގޮތުން ފުލުހުންނަށް ލިބިދޭ ބާރުތައް އިތުރަށް ތަފްސިލުކޮށް ބަޔާންކުރުން
  • ގާނޫނުގައިވާ ގޮތުގެމަތިން މެނުވީ އެއްވުންތައް ރޫޅާލުމުގައި އަމަލުކޮށްގެންނުވާނެ ކަމުގައާއި، ބާރުގެ ބޭނުންކުރަންޖެހޭ ހާލަތެއް އުފަންވެފައި ނުވާ ހާލަތެއްގައި ބާރުގެ ބޭނުން ނުކުރުމަށާއި، ބާރުގެ ބޭނުންކުރަންޖެހޭ ހާލަތުގައި، ބޭނުންކުރާ ބާރަކީ، ކުރިމަތިވެފައިވާ ނުރައްކަލާ އެކަށޭނަ، ނިސްބަތްހަމަ ބާރަކަށް ވާންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކުރުން

ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުން ހުށަހަޅަން ނިންމީ، ދިވެހި ފުލުހުންގެ ހިހދުމަތުގެ އެންމެހައި ކަންކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމަށްޓަކައެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު ނަންބަރު 2008/5 (ފުލުހުންގެ ގާނޫނު) ގެ ބަދަލުގައި އާ ގާނޫނެއް ތައާރުފުކޮށް، ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ގާނޫނު މެދުވެރިކޮށް އަލުން ކަނޑައެޅުމެވެ.