މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް ކަމަށް މަރިޔަމް ވަހީދާ އަދި ނައިބު ރައީސް ކަމަށް އަހުމަދު ގައިސް ހަމަޖައްސައިފިއެވެ.
ބްރޯޯޑްކޮމުން ބުނީ ބްރޯޑްކޮމްގެ ރައީސް ކަމަށް މަރިޔަމް ވަހީދާ އަދި ނައިބު ރައީސް ކަމަށް އަހްމަދު ގައިސް ހަމަޖައްސައިފައި ވާ ކަމަށެވެ. އަދި ބޮރޮޑްކޮމްގެ މެންބަރުކަމަށް މަރިޔަމް ވަހީދާ އާއި އަލީ ޔޫސުފް (އައްޔަ) އަދި އަހުމަދު ގައިސް އައްޔަން ކުރުމަށް މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ،
ބްރޯޑްކޮމްގައި ތިއްބެވި މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި މެމްބަރު އިސްމާއިލް ސޮފްވާނާއި މެމްބަރު ހަސަން ނަބާހް ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވައިފައެވެ. އަދި އެ ކޮމިޝަންގެ ނައިބު ރައީސް ފާތުމަތު ޒައިނާ ވަނީ މަޖިލިހުން ވަކިކޮށްފައެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެންމެ ފުރަތަމަ ވޯޓް ނަގާފައިވަނީ ސޮފްވާނާއި ނަބާހް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ދެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވާފައިވާ ނަން ތަކުގެ ތެރެއިން ސަންގު ޓީވީގެ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމާއި ގައިސް އަދި އަލީ ޔޫސުފްގެ ތެރެއިން ދެބޭފުޅަކަށް ރުހުން ދިނުމަށެވެ.
އެގޮތުން އަލީ ޔޫސުފް ބްރޯޑްކޮމް އަށް އައްޔަން ކުރަން ފާސްކުރީ 64 މެމްބަރުންގެ އިއްތިފާގުންނެވެ. އޭނާ މެންބަރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވިއެވެ. ގައިސް ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރަން މަޖިލިހުން ފާސް ކުރީ 66 މެމްބަރުންގެ އިއްތިފާގުންނެވެ. ޝިފްލާ އައްޔަން ކުރަން މަޖިލީހުގެ 49 މެންބަރުން ވަނީ ދެކޮޅަށް ވޯޓް ދެއްވާފައެވެ.
ދެވަނައަށް ވޯޓަށް އަހާފައިވަނީ ބްރޯޯޑްކޮމްގެ ރައީސްއަކަށް ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވާފައި ވާތީ، ބްރޯޑްކޮމްއަށް ހަމަޖައްސަން ރައީސް މަޖިލީހަށް ފޮނުއްވި ހަތަރު ނަމުގެ ތެރެއިން ކޮމިޓީއިން ފާސްކޮށް ތަޅުމަށް ފޮނުވާފައިވާ ތިން ނަމުގެ ތެރެއިން ނަމަށެވެ.
އެގޮތުން އެގޮނޑިއަށް މަޖިލީހުން ރުހުން ދީފައިވަނީ މަރިޔަމް ވަހީދާއަށެވެ. އޭނާ އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވެސް 66 މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމިޝަންގެ ނައިބު ރައީސްއަކަށް ހުންނެވި، ފާތިމަތު ޒައިނާގެ މަގާމަށް ހަމަޖެއްސުމަށް ރައީސް މަޖިލީހަށް ފޮނުއްވި ތިން ކޮމިޓީއިން މަޖިލީހަށް ނުފޮނުވައި، އާ ނަންތަކެއް ފޮނުވުމަށް ރައީސް ލަފާދިނުމަށް ނިންމައިފައެވެ. އެ ނިންމުންވެސް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.