އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނު މެންބަރުން ހާމަނުކުރެވޭ ނަމަ އެ ތުހުމަތު ރައްދުވަނީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގެ ބަޖެޓް ބަހުސްގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް މުހައްމަދު ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލިސް މެންބަރުން ހިޔާނާތުގެ ފައިސާ ނެންގެވި ލިސްޓުގައި އޭނާ ހިމެނޭ ކަމަށް ތުހުތުކޮށްފައި ކަމަށެވެ. އެހެންކަމުން މަޖިލީހުން އެ ލިސްޓް ހޯދުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އެ ލިސްޓް ލިބުން ލަސްވާތީ މެންބަރު އިސްމާއިލް މުހައްމަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ލިސްޓް ލިބުން އަވަސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މެންބަރު އިސްމާއިލް މުހައްމަދުގެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެންބަރުންތަކަކަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށްފައިވާ އިރު، އެ މެންބަރުންނަކީ ކޮން މެމްބަރުންނެއް ކަން ނޭނގޭ ނަމަ އެ ތުހުމަތު ރައްދު ވަނީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ކަމަށެވެ. އެހެން ކަމުން އެއީ ކޮން މެންބަރުންނެއް ކަން ނޭނގޭ ނަމަ ހިޔާނާތުގެ ފައިސާ ނުނަންގަވާ މެންބަރުން "ހިތް ނުތަނަވަސް" ވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު ރައްޔިތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ / ފޮޓޯ: މަޖިލިސް
"އަޅުގަނޑު ގެއްލިފައިވާ ފައިސާ ހޯދާ ކޮމިޝަންގައި ވަރަށް އަދަބުވެރިކަމާ އެކު އެދެން، އަދި ފުލުސް އޮފީހުގައި ވެސް އެދެން، ޕްރޮސެކުއުޓާ ޖެނެރަލްގެ އަރިހުން ވެސް އެދެން، އެމްއެމްޕީއަރުސީގެ ފައިސާގައި ޖެހިފައިވާ އެންމެހާ ފަރާތްތަކާ ގުޅޭ ގޮތުން ދައުވާ އުފުލައި ދިނުމަށް،"
ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، އެ ފައިސާގައި ޖެހުނު ފަރާތްތައް ވަރަށް ސާފުކޮށް، ފުލުހުންނަށާއި އެޓާނީ ޖެނެރަލް އޮފީހާއި އަދި ރިޔާސީ ކޮމިޝަނަށް ވެސް އެނގޭނެ ކަމަށާއި އެ ތަހުގީގަށް އެމްޑީޕީން ވެސް އެހީތެރިވެފައިވާނެ ކަމަށެވެ. އަދި ަކމާބެހޭ ފަރާްތަކުން އެ ގެއްލިފައިވާ ފައިސާ ހޯއްދަވާ އެ ފައިސާގައި ޖެހިފައިވާ ފަރާތްތަކަށް ދައުވާ އުފުލައި ދިނުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ އަކީ ރާއްޖޭގައި ކޮރަޕްޝަންގެ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަމަުން އަންނަ މައްސަލައެކެވެ. އެތައް ބަޔަކަށް މި މައްސަލައިގައި ތުހުމަތު ކުރެވިފައިވާ އިރު މިހާތަނަށް މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ތިން ފަރާތަަކށެވެ. އެއީ ކުރިޣެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއަރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށެވެ.

ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބުނެފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެންބަރަކު ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހުގައި މިދިޔަ މަހުގެ 12 ވަނަ ދުވަހު ބަޖެޓަށް ބަހުސް ކުރެވުނު ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުންކުރައްވާފައިވާ ކަމަށާއި ޖާބިރުގެ އަތުން ފައިސާ ނަންގަވާ ރިޝްވަތުގެ ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ވިދާޅުވެ ތުހުމަތުތަކެއް ކޮށްފައެވެ. އަދި މިހާރު މި މައްސަލަ ދަނީ އޭސީސީން ދިރާސާ ކުރަމުން ކަމަށް އެށީސީން ވަނީ "ދަ ޕްރެސް" އަށް މައުލޫމާތު ދީފައެވެ.