ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފިއެވެ. މަރުވެފައިވަނީ އުމުރުން 59 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހުޅުމާލެގައި އެ ހާދިސާ ހިނގައިގެން ރިޕޯޓު ލިބުމާއެކު އޭނާ ހޮސްޕިޓަލަށް ގެންދެވުނީ 9 ގެ ފަހުން ކަމަށާއި، ނިޔާވި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައި ވަނީ 9.50 ހާއިރު ކަމަށެވެ.

ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާ ދީފައި ވަނީ 5656 ގެ ޓެކްސީ ޑްރައިވަރަކަށެވެ. އޭނާއަށް ހަމަލާ ދިނީ ގްރޫޕު ހަދާފައި ދިޔަ ބަޔަކު ކަމަށްވެސް ބައެއް މަސްދަރުތަކުން ބުނެއެވެ.

ފުލުހުން ބުނީ، ހަމަލާގެ ސަބަބުން ޒަހަމްވި މީހާ އޮތީ ހުޅުމާލޭ ރިތިގަސް މަގުގައި ކަމަށެވެ. ފުލުހުން އެ ސަރަހައްދަށް ގޮސް އެމީހާ އެމްބިއުލަންސްގައި ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި އޭނާއަށް ހަމަލާ ދީފައިވަނީ ސީދާ އޭނާގެ ކަރަށް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.