އައްޑޫ އެއާޕޯޓްގެ އޮޕަރޭޝަންސް އިތުރު ކުރެވޭނީ އައްޑު އަތޮޅާއި ހުވަދު އަތޮޅާ ދެމެދު ޑޮމެސްޓިކް ދަތުރުތަކެއް ޕްލޭން ކުރެވިގެން ކަމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) ގެ ނައިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފު އެހެން ވިދާޅުވީ އިއްޔެ އޭޑީސީއާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ބޭއްވި މަޝްވަރާތަކުގެ އަލީގައެވެ. އެ ބައްދަލުވުމުގައި އައްޑޫއާއި ހުވަދުއަތޮޅާ ދެމެދު ވައިގެ އުދުހުންތައް އިތުރުކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، އައްޑޫގައި ބެޑް ކެޕޭސިޓީ ދަށްވީމައި އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރުމަށް ފުރުސަތު ނުލިބޭ ކަމަށެވެ. މިހާރު 4000 ބެޑަށް ހުޅުވާލާފައި ވާއިރު އެ ބެޑުތަކަށް މީހުން އަންނަން ގާތްގަނޑަކަށް އެއް އަހަރު ނުވަތަ ދެއަހަރު ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެގޮތުން އޭޑީސީގެ ފަރާތުން މި ބަލަނީ އެއާޕޯޓަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭތޯ. އައްޑޫގެ އެއާޕޯޓުގެ އޮޕަރޭޝަންސް އިތުރުނުވާ މައްސަލައިގައި ގަމަށް ގެއްލުންތަކެއް ވާތީވެ، އަޅުގަނޑުމެން އައިލެންޑް އޭވިއޭޝަނާ ވާހަކަ ދެއްކީ އަޅުގަނޑުމެން ގަމުން ފެށިގެން ހުވަދުއަތޮޅާއި ލާމު އަތޮޅާއި ފުވައްމުލަކާ އެތެރޭގެ އުދުހުންތައް ފަށަންވީ ނޫންތޯއޭ. މިހާރު އެ އުދުހުންތައް ފެށިއްޔާ ނޫންތޯ އޭ ފަހުންވެސް އެބޭފުޅުންނަށް ރަނގަޅަށް އެ މާކެޓް ލިބޭނީ."
އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) ގެ ނާއިބު ރައީސް އަހުމަދު ޝަރީފް

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ދަތިތަކެއް ހުރިކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ އެތެރޭގެ އުދުހުންތައް އިތުރު ކުރެވިއްޖެ ނަމަ ޓުއަރިސްޓުން ދާ މިންވަރު އިތުރުވެގެން ދާނެ ކަމަށާއި ގަމަށް ޖައްސާ އިންޓަނޭޝަނަލް ފްލައިޓްތައް ގިނަ ވެގެން ދާނެ ކަމަށެވެ. އަދި އޭރުން ހުވަދު އަތޮޅަށް ފަތުރުވެރިންނަށް ޑައިރެކްޓް ކޮށް ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބެޑް ކެޕޭސިޓީ އިތުރުވެގެން ދާއިރު ގަމުގެ އޮޕަރޭޝަންތައް ރަނގަޅު ނުވެއްޖެ ނަމަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން ވަޒީފާގެ ފުރުސަތު ލިބުމަށާއި ފަތުރުވެރިކަން ފުޅާވުުން ހުރަސްތަކެއް ކުރިމަތިވާނެ ކަން ފާހަގަ ކުރެއްވިއެވެ.

އޭޑީސީން އެންމެ ބޮޑަށް ބާރު އަޅަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީވުމަށެވެ. އަދި މިހާރު އޭޑީސީން މަސައްކަތް ކުރަނީ ފިނޭންސް މިނިސްޓަރާ ބައްދަލުކޮށް ހުރި ދަތިތައް ހައްލުކުރުމަށް މަޝްވަރާ ކުރުން ކަމަށް ޝަރީފު ވިދާޅުވިއެވެ.

އައްޑޫ ޑިވޮލޮޕްމަންޓް ކޮމިޓީގައި އައްޑޫ ސިޓީގެ ހުރިހާ ރަށްރަށެއް ތަމްސީލްވެއެވެ. އަދި ސަރުކާރުން އައްޑޫ ސިޓީގައި ހިންގާ މަޝްރޫއުތައް އަވަސްކޮށް އައްޑޫ ސިޓީއަށް ދިމާވެފައިވާ ދަތިތައް ސަރުކާރަށް ހުށަހަޅައި މައްސަލަތައް ހައްލުކުރުމަށް އެ ސޮސައިޓީން ދަނީ މަސައްކަތް ކުރަމުންނެވެ.