ޕާކިސްތާނުގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފެލެމުންދަނީ އިންޑިޔާއާއިއެކު ވިޔަފާރި ނުކުރެވޭތީ ކަމަށް، ޕާކިސްތާނުގެ އިސް ވަޒީރަކު ވިދާޅުވެއްޖެއެވެ.

މިދަނޑިވަޅަކީ ޕާކިސްތާނުގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެކެވެ. އެގޮތުން ޕާކިސްތާނުގެ ބާޒާރުގައި އާދައިގެ ޓޮމާޓޯ ކިލޯއެއްގެ އަގުވަނީ 300 ރުޕީޒްއަށް އުފުލިފައެވެ.

ޕާކިސްތާނުގެ ބާޒާރުގައި ވަކިން ހާއްސަކޮށް ކާބޯތަކެތީގެ އަގުތައް އުފެލެމުންދާ ސަބަބުތައް ތަފްސީލުކޮށްދެއްވަމުން އެގައުމުގެ އިގުތިސޯދާ ބެހޭ ވަޒީރު ހައްމާދު އަޒްހަރު ވިދާޅުވީ، އެންމެ ބޮޑު ސަބަބަކީ އިންޑިޔާއާއިއެކު ވިޔަފާރި ނުކުރެވުން ކަމަށެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުންވެސް މިކަމަށް އަސަރުތަކެއް ކުރާ ކަމަށާ، މިއާއެކު މެދުވެރިއަކު ހުރެގެން ދަނޑިވެރިކަމުން ވިޔަފާރީގެ ނަފާ ހޯދާ އުސޫލު އޮތުމަކީވެސް ބާޒާރުތަކުގައި ކާބޯތަކެތީގެ އަގު އުފުލެމުންދާ ސަބަބުތަކެއް ކަމަށް ހައްމާދު ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ މައި ސަރުކާރުން މިހާރު ދަނީ ޕްރޮވިންސްތަކުގެ ސަރުކާރުތަކާ ގުޅިގެން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަންކަމަށް ހައްމާދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ބާޒާރުގައި ތަކެތީގެ އަގު ދަށަށް ދާނެ ކަމަށް ބެލެވެނީ 2020 ވަނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބުރުވަރީ މަހުގެ ތެރޭގައި ކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިޔާއާއި ޕާކިސްތާނާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުމުގެ ފަންތި ދަށްކޮށް، ޕާކިސްތާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުން ޕާކިސްތާނުން ހުއްޓާލީ، ޖައްމުއާއި ކަޝްމީރުގެ އިންޑިޔާއާއި ވީ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ، ގާނޫނޫ އަސާސީއިން އުވާލުމަށް އިންޑިޔާއިން ނިންމި ނިމުމާއި ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުންނެނެވެ.