ރާއްޖެތެރެ ތަރައްގީކޮށް މާލެ ތޮއްޖެއްސުމުގެ ވިސްވުމާ ދުރުވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މޫސާ ސިރާޖު މިހެން ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު ޑްރާފްޓުކުރުމަށް އުފެއްދި ސަބްކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޝަމީމް ވިދާޅުވި ވާހަކައާއި ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައެވެ.

މީގެ އިތުރުން ސިރާޖު ކުރެއްވި ޓުވީޓުގައި ވަނީ އެ ވިސްނުމަކީ ރަގަނޅު ވިސްވުމެއް ނޫން ކަމަށާ އެކަމުގެ ނަތީޖާއަކީ މާލެ އިތުރަށް ތޮއްޖެހުން ކަމަށެވެ. ރާއްޖެތެރެއަށް އިންވެސްޓަރުން ޝައުގުވެރި ކުރުމަށް މާލެ ޒޯންގައި ނަގާ ޓެކްސްތަކަށް ވުރެ ޓެކްސްގެ އަދަދު ރާއްޖެތެރެއަށް ކުޑަކޮށް، ރާއްޖެތެރެ ތަރައްގީކޮށް މާލެ ތޮއްޖެއްސުމުގެ ވިސްނުމާ ދުރުވާންޖެހޭ ކަމަށް ވެސް ސިރާޖު ވަނީ ވިދާޅު ވެފައެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު ޑްރާފްޓުކުރުމަށް އުފެއްދި ސަބްކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ މާލެއާއި އަތޮޅުތެރޭގައި ދިރިއުޅުމުގެ ފެންވަރާއި ހަރަދުތަކުގައި ތަފާތު ހުރުމުން، ސިވިލް ސާވިސްގެ މިނިމަމްވޭޖު ކަނޑައަޅާއިރު މާލެ ސަރަހައްދާއި އަތޮޅުތެރޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެ ކުޑަ އުޖޫރައިގައި ކޮންމެވެސް ކަހަލަ ފަރަގެއް އޮތުން ރަނގަޅުކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ދިރިއުޅުމުގެ ފެންވަރަށް ބަލާފައި އުޅެވޭ މިންވަރަށް ބޭސިކް ސެލެރީ އައުން މުހިންމު ކަމަށާއި އޭނާ ވިދާޅުވީ މާލޭގައި ދިރިއުޅުމުގެ ފެންވަރު މަތިވެ، ހަރަދުތައްވެސް މަތިވާތީ ކަމަށެވެ.

ނަމަވެސް ޝަމީމް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކުޑަކަމުގެ ޝަކުވާ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބޭ ކަމަށެވެ. އަދި ޝަމީމް ވިދާޅުވީ ސިިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސަޕޯޓް ސްޓާފްގެ މުސާރައިން ގެއަށް ގެންދަން ލިބެނީ 5،083 ރުފިޔާ ކަމަށެވެ. ދިރާސާއެއް ހެދިފައި ނެތްނަމަވެސް، ތަޖުރިބާގެ އަލީގައި ބަލާނަމަ ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަވެސް އެންމެ ކުޑަމިނުން ދެގުނަ ވާންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިހާރު ލިބޭ އާމްދަނީއަކީ ދުޅަހެޔޮކޮށް ދިރިއުޅުމަށް ބޭނުންވާ އަދަދަށްވުރެ ކުޑަ އަދަދެއް ކަމަށާއި އެކަންތައްތަކަކީ ވަރަށް ފުޅާ ކަމެއް ކަމަށެވެ. އަދި މިނިމަމް ވޭޖު ކަނޑައަޅާ އިރުގައި ގައުމުގެ ފެންވަރަށް ބެލުންވެސް މުހިއްމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ އިތުރުން ރޭގެ ސަބްކޮމިޓީގައި ނޭޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންވެސް ބައިވެރިވެ، އެ ޖަމިއްޔާތަކުގެ ހިޔާލުވެސް ވަނީ ފާޅުކޮށްފައެވެ.