ސިޓީ ކައުންސިލަރުންގެ އަދަދު އިތުރު ކުރުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން، މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިހާބު ކުރަންޖެހޭ އިރު، އައްޑު ސިޓީ ކައުންސިލަށް 11 ކައުންސިލަރުން އަދި ފުވައްމުލައް ސިޓީ ކައުންސިލަށް ހަތް ކައުންސިލަރުން އިންތިހާބު ކުރަންޖެހޭނެއެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހެޅުއްވި މި ބިލް ވަނީ ލާމަރުކަޒީ ކޮމިޓީން ދިރާސާ ކުރުމަށްފަހު، ބޮޑެތި ބަދަލުތަކާއި އެކު ކޮމިޓީގެ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ފޮނުވާފައެވެ.

ލާމަރުކަޒީ ކޮމިޓީން މި ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، އާބާދީ 10،000 އާއި 30،000 ދެމެދުގެ ސިޓީއެއް ނަމަ ހަތް ކައުންސިލަރުން އެ ސިޓީއެއްގައި ތިބެން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި އާބާދީ 30،000 އާއި 60،000 ދެމެދުގެ ސިޓީއެއް ނަމަ 11 ކައުންސިލަރުން އަދި އާބާދީގެ 60،000 އަށް ވުރެ އިތުރު ނަމަ، 19 ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭނެ ކަމަށް ބިލުގައި ބުނެއެވެ.

ރާއްޖޭގައި ސިޓީގެ ދަރަޖަ ދީފައި އޮންނަނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށެވެ. އެގޮތުން، މާލެ ސިޓީގައި 60،000 އަށްވުރެ ގިނަ އާބާދީއެއް އޮންނައިރު، އައްޑޫގައި 30،000 އާއި 60،000 ދޭތެރޭގެ އާބާދީއެއް އޮވެއެވެ. އަދި ފުވައްމުލައް ސިޓީގައި އޮންނަނީ 10،000 އާއި 30،000 ދޭތެރޭގެ އާބާދީއެކެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން މާލެ ސިޓީ ކައުންސިލަށް 13 ކައުންސިލަރުން އިންތިހާބު ކުރަންޖެހޭއިރު، އައްޑޫ ސިޓީ ކައުންސިލަށް ހަތް ކައުންސިލަރުން އަދި ފުވައްމުލައް ސިޓީއަށް ތިން ކައުންސިލަރުން އިންތިހާބު ކުރަން ޖެހެއެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް މިގެނައި އިސްލާހު ފާސްވެއްޖެނަމަ، މިކަން ބަދަލުވެގެން ދާނެއެވެ.