ގައުމަށް ގައްދާރުވެފައިވާ ކަމަށް ބުނެ، އޭނާގެ މައްޗަށް ކުރަމުންދަނީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށާ، ދިފާއީ ވަކީލުގެ ބަސް އެއްވެސް ފަރާތަކުން އަޑުއައްސަވާފައި ނުވާއިރު، އިންސާފެއް ލިބިވަޑައި ނުގަންނަވާނެ ކަމަށް، ޕާކިސްތާނުގެ ކުރީގެ ރައީސް ރިޓާޔަޑް ޖެނެރަލް ޕަރުވޭޒް މުޝައްރަފު ވިދާޅުވެއްޖެއެވެ.

އަމިއްލަފުޅަށް އަރުވާލެވިގެން ދުބާއީގައި ދިރިއުޅުއްވަމުން ގެންދަވާ މުޝައްރަފު، ދުބާއީގެ އެމެރިކަން ހޮސްޕިޓަލުގައި ބަލި އެނދުގައި އޮންވާ، ވީޑިއޯ މެދުވެރިކުރައްވާ ދެއްވި މެސެޖުގައި ވިދާޅުވީ، އޭނާގެ ސިއްހީ ހާލު ވަރަށް ދެރަކަމަށް ވިދާޅުވެފައެވެ. ސިއްހީ ހާލުކޮޅު މިހާ ދެރަވިތާ ދުވަސްތަކެއް ވެފައިވާކަމަށާ، އެކި ފަހަރު މަތިން ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

މެޑިކަލް ރިޕޯޓްތައް ބުނާ ގޮތުން މުޝައްރަފަކީ ހިތުގެ މައްސަލަ ހުންނަ ޕޭޝަންޓްއެކެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރުގެ މައްސަލަތަކެއް ހުންނަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ގައުމަށްޓަކައި ހަނގުރާމަ ކުރައްވާ، ސީދާ ގޮތުން 10 އަހަރު ދުވަސްވަންދެން ޕާކިސްތާނުގެ ހިދުމަތުގައި ހުންނެވިކަން ފާހަގަކުރައްވަމުން މުޝައްރަފު ވަނީ، އޭނާގެ ވަކީލު ސަލްމާން ސަފްދާރުގެ އަޑު، އެއްވެސް ފަރާތަކުން އައްސަވާފައި ނުވާ ކަމުގެ ޝަކުވާ އުފުއްލަވާފައެވެ.

ކަންމިހެން އޮތް ނަމަވެސް، އިންސާފު ލިބިވަޑައިގަންނަވާ ކަމަށް އުއްމީދު ކުރައްވާ ކަމަށާ އެކަން ވާން އޮތީ އޭނާގެ ފަރާތުން އިއްވަން ޖެހޭ ބަޔާނެއްގެ އަޑު، ކަމާ ބެހޭ ފަރާތްތަކުން އައްސަވައިގެން ކަމަށްވެސް މުޝައްރަފު ވަނީ ވިދާޅުވެފައެވެ.

މުޝައްރަފުގެ ނަންފުޅުގައި ޕާކިސްތާނުގެ ހައި ކޯޓަށް ޕެޓިޝަނެއް ހުށަހަޅުއްވާފައިވާއިރު، އެ ޕެޓިޝަނަކީ މުޝައްރަފުގެ ސިއްހީ ހާލުކޮޅު ތަންދީ، ޖިސްމާނީ ގޮތުން މުޝައްރަފުއަށް ކޯޓަށް ހާޒިރުވެވަޑައިގެންނެވެންދެން މިމައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލިސްތަކާ ބައްދަލުވުންތައް ބޭއްވުން ހުއްޓާލުމަށް އެދިވަޑައިގެންފައިވާ ޕެޓިޝަނެއް ކަމަށް މައުލޫމާތު ލިބެއެވެ.