ނިމިގެން މިދާ 2019 ވަނަ އަހަރު އެޕަލް އައިފޯނު ބޭނުން ކުރާ ފަރާތްތަކުގެ މެދުގައި އެންމެ މަގުބޫލު ގޭމިންގް އެޕްލިކޭޝަންތަކުގެ ލިސްޓު އާންމުކޮށްފިއެވެ.

އެޕަލް ކުންފުނިން އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު، އެންމެ ކުރީ ޖާގަ ކަށަވަރުކޮށްފައިވަނީ 'މާރިއޯ ކާޓް ޓުއާ'އެވެ. މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރިލީޒް ކުރި ގޭމަކަށްވީ ނަމަވެސް ލިސްޓުގެ އެންމެ ކުރިން މި ގޭމް ޖާގަ ހޯދާފައިވާކަމީ، ކަސްޓަމަރުންގެ މެދުގައި މި ގޭމުގެ މަގުބޫލުކަން އަންގައިދޭ ވަރުގަދަ ހެއްކެކެވެ.

އައިފޯން ކަސްޓަމަރުންގެ މެދުގައި 2 ވަނައަށް އެންމެ މަގުބޫލު މޯބައިލް ގޭމިންގް އެޕްލިކޭޝަންއަކީ 'ކަލާ ބަމްޕް ތްރީޑީ' ކަމަށްވާއިރު، ގިނަ ބަޔަކު އެ ގޭމެއްގެ އަވާގައި ޖެހުނު 'ފޯޓްނައިޓް' މިހާރު އޮތީ 8 ވަނަ މަގާމަށް ވެއްޓިފައެވެ.

ޕެއިޑް ގޭމް ކޮންސެޕްޓްއަށް ބަލާއިރު އައިފޯން ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ގޭމަކީ 'މައިންކްރާފްޓް'އެވެ. އައިޕެޑް ކަސްޓަމަރުންގެ މެދުގައިވެސް އެންމެ މަގުބޫލު ޕެއިޑް ކޮންސެޕްޓް ގޭމަކީ 'މައިންކްރާފްޓް'ކަމަށް އެޕަލް ކުންފުނިން އާންމުކުރި ތަފާސް ހިސާބުތައް ދައްކައެވެ.

ގޭމް ނޫން އެޕްލިކޭޝަންތަކަށް ބަލާއިރު ނިމިގެން މިދޔާ 2019 ވަނަ އަހަރު އެޕަލް ކުންފުނީގެ ސްމާޓްޑިވައިސް ކަސްޓަމަރުންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވަނީ ޔޫޓިއުބްއެވެ. އެގޭ ފަހަތުން އިންސްޓަގްރާމްއާއި ސްނެޕްޗެޓްއެވެ. ދެން ޓިކްޓޮކްއާއި ފޭސްބުކް މެސެންޖާއެވެ.