ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން، އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވީ، އޭނާގެ ސިޔާސީ މުސްތަގުބަލު ދުއްވާލުމަށް ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޝަނުން، ޑރ. ޝަހީމްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި އެ ކޮމިޝަނުން ހިންގި ތަހުގީގުގައި ދޮގު މައުލޫމާތު ދެއްވާފައި ވާ ކަމަށް ބުނެއެވެ. މަރު ކޮމިޝަނުން ބުނީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި، ޑރ. ޝަހީމް ވަނީ އެ ކޮމިޝަނަށް ދޮގު މައުލޫމާތު ދެއްވައި، ތަހުގީގަށް ހުރަސް އަޅުއްވާފައި ކަމަށެވެ.
މިކަމާ ހިތްހަމަ ޖެހިވަޑައިނުގެން ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައަކީ އޭނާއާ އެއްވެސް ވަރަކަށް ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރަނީ އޭނާގެ މަސައްކަތަށް ހުރަސް އަޅައި، ސިޔާސީ މުސްތަގުބަލު ދުއްވާލުމަށް ކަމަށް ޑރ. ޝަހީމް ވިދުވިއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވާއިރު، ޑރ. އަފްރާޝީމްގެ މައްސަލާގައި މަރު ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގައި ބުނީ، ޑރ. ޝަހީމް އެ ކޮމިޝަނަށް ލިޔުމުން ފޮނުއްވާފައިވާ މައުލޫމާތުގައިވާ ގޮތުން އަފްރާޝީމް އޭނާއާ 2012، އޮކްޓޯބަރު އެއްވަނަ ދުވަހު ބައްދަލު ކުރެއްވުމަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ އެއްވެސް ގޮތަކަށް އެދިވަޑައިގެން ނޫން ކަމަށެވެ. ނަމަވެސް، އެދުވަހު މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގަތުމަށް ޝަހީމް ދެންނެވި ކަމަށް ދެމީހުންގެ ދެމެދުގައި ބަދަލު ކުރައްވާފައިވާ މެސެޖުތަކުން އެނގޭ ކަމަށެވެ.
އޮކްޓޯބަރު 2، 2012 ގައި ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި ހާދިސާ ހިނގި ރޭ ޓީވީއެމުން ފޮނުވި ދީނީ ދަރުސް ޕްރޮގްރާމަށް ވަޑައިގަންނަވަން ޑރ. އަފްރާޝީމަށް އެންގެވީ ޑރ. ޝަހީމްކަމަށް މަރުކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވާއިރު، ޑރ. އަފްރާޝީމަށް އެރޭ ޓީވީ ޕްރޮގްރާމަށް ވަޑައިގެންނެވޭނެ ކަމާއި، އެ ޕްރޮގްރާމަށް ވަޑައިގަތުމުގެ ޔަގީން ކަން ދީފައިވަނީ ކޮންފަރާތަކުން ކަން ނޭނގޭ ކަމަށް ޑރ. ޝަހީމް ވަނީ މަރު ކޮމިޝަނަށް މައުލޫމާތު ދެއްވާފައެވެ. އަދި އެ ޕްރޮގްރާމަށް އަފްރާޝީމް ވަޑައިގަތުމުގެ ވާހަކަ ޝަހީމާ ދެމެދު ދެކެވިފައިވާ ކަމަށާއި އެ ޕްރޮގްރާމަށް އަފްރާޝީމް އެރުއްވުމަށް ޝަހީމް އެދިވަޑައިގެންނެވީ ކުރިން ދެއްކެވި ވާހަކަތަކަށް ތައުބާވެ ވަޑައިގަތުމަށް ކަން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށް ރިޕޯޓުގައި ބުނެއެވެ. މީގެ އިތުރުން އެރޭގެ ޕްރޮގްރާމަށް ވަޑައިނުގެންނެވިއްޖެ ނަމަ، އެ ބޭނުމުގައި އިސްލާމިކް މިނިސްޓްރީގައި ނިއުސް ކޮންފަރެންސެއް ބާއްވާ ދެއްވުމަށް ޝަހީމް ވަނީ ހުށަހަޅުއްވާފައެވެ.