މާލޭގައި ދިރިއުޅޭ ފަރާތް ތަކަށް ކުލީގެ ގޮތުގައި ހަރަދު ކުރަން ޖެހިފައި ވާ ފައިސާގެ އަދަދު އިންސާފުވެރި ކަމާއެކު ބަލައި ދިނުމަށާއި އެ އަދަދުގެ 70 ޕަސެންޓް ސާރުކާރުން އެފަރާތްތަކަށް ލިބިގެން ދާގޮތަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ދިރިއުޅޭ މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް ސަރުކާރުން ކުލި ދައްކައިދެވޭނެ ގޮތް ހަމަޖެހިގެން ދާނެ ފަދަ ހަރުދަނާ އިންތިޒާމް ތަކެއް މިހާރުން މިހާރަށް ހަމަޖައްސާ އެމަގުން އަމަލް ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމް ކުރުމަށް ބާރުއެޅުމުގެ ގޮތުން މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

އެ ގަރާރުގައި ވަނީ ރާއްޖޭގައި ދިރިއުޅޭ ގިނަ ބަޔަކު ދިރިއުޅެމުން ދަނީ ރާއްޖޭގެ ވެރިރަށް މާލޭގައި ކަމަށް ވެފައި މާލޭގައި ކުއްޔަށް އުޅޭ ފަރާތްތަކަށް އާމްދަނީ ގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑު އަދަދެއްް ހަރަދު ކުރަން ޖެހިފައި ވަނީ ދިރިއުޅޭ ތަނަށް ކުލި ދެއްކުމަށް ކަމަށާއި މާލޭގެ ކުލިތަށް އަހަރުން އަހަރަށް ބޮޑުވަމުން އަންނަކަމަށެވެ.

އެގޮތުން މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން ދިރިއުޅެމުންދާ ފަރާތްތަކާއި މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި އެ ވައުދު ފުއްދާނޭ ކަމުގެ އުންމީދު ކޮންމެ ސަރުކާރެއް ނިމިގެން ދާއިރުވެސް ކުރާ ކަމަށެވެ. ނަމަވެސް މި މައްސަލަ އަށް ހައްލެއް ގެނެވިފައި ނުވާތީ ހިނގަމުންދާ ސަރުކާރުން މިކަމަށް ހައްލެއް ހޯދައި ދިނުމަށް މި ގަރާރު ވަގުތުން ފާސްކޮށްދީ އަމަލު ކުރަން ފެށުމަށް ގަރާރުގައި ގޮވާލައެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި 2020 ގެ ބަޖެޓުގައި މި ސަރުކާރުން ވިހިހާސް ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައި ވާ ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޖާބިރަކީ މަޖިލީހުގައި ކުރާ ބަހުސްތަކާއި މަޖިލީހަށް ގާރާރު ހުށަހަޅާ ވާހަކަ ދެއްކެވުމުގައި ފާހަގަކޮށްލެވޭ މެންބަރެކެވެ.