ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުން ކައުސިލަރުންނާއި މޭޔަރުންގެ މަގާމުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން އިސްލާހު ގެނެސްފައިވުމުން އެކަމަށް ގިނަބަޔަކު ފާޑު ކިޔަން ފަށައިފިއެވެ.
ލާމަރުކަޒީ ކޮމެޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ ކައުންސިލަރުން ކައުންސިލުގެ ވާޖިބުތައް އަދާކުރަން ނުކުޅެދިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެ ކައުންސިލަށް ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ދީފަ އެވެ.
މިކަމަށް ފާޑު ވިދާޅުވެ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލިސް މެންބަރުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުން ވަކިކުރެވޭ ގޮތަށް ހެދުމަށް ގޮވާލާފައެވެ.
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވަނީ ވަނީ މަޖިލީހުގެ މެމްބަރުން އިންތިހާބު ކުރާ ރައްޔިތުންނަށް މަޖިލީހުގެ މެމްބަރުން ވަކި ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރާނީ ކޮން އިރަކުންތޯ ސުވާލު ކުރައްވާފައެވެ. އެގޮތުން ރަނގަޅަށް މަސައްކަތް ނުކުރެވޭނަމަ މެމްބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް އޮންނަން ވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ލާމަރުކަޒީ ކޮމެޓީން ގާނޫނަށް ގެނެސްފައިވާ މި އިސްލާހުގައި އިތުރަށް ބުނެފައިވަނީ ކައުންސިލަރަކަށް، ނުވަތަ ކައުންސިލުގެ ރައީސަކަށް ނުވަތަ މޭޔަރަކަށް ވިޔަސް މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރެވޭ ނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަވެސް ކައުންސިލަރުން ވަކިކުރަން މަޖިލީހުން އެލްޖީއޭއަށް އެންގިދާނެ ކަމަށެވެ.
އަދި ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކޮށް އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނީ އިމުން ބޭރުން ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވުން ތަކުރާރުވެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ގެއްލުންވަމުން ދާކަން ފާހަގަ ކުރެއްވިޖެ ނަމަ އެ ކައުންސިލަރު ނުވަތަ މޭޔަރު ނުވަތަ ކައުންސިލްގެ ރައީސް މަގާމުން ވަކިިކުރުމުގެ ގޮތުން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު އެލްޖީއޭ އަށް ލިބިގެންވާ ކަމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.
ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއް ވިޔަސް ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށްވެސް ގާނޫނަށް ކޮމެޓީން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެއެވެ.