މަޖިލީހުގެ ރިޔާސަތުން ހުދުމުހުތާރުކަން ދެއްކި ކަމަށް ބުނި ފަރާތްތަކުގެ ރިޔާސަތުގައިވެސް ފެންނަނީ ހަމަ އެއް މަންޒަރެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށް އަޑުގަދަކުރުމުން އިދިކޮޅު ހަތް މެމްބަރުންގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރުމުން ނެވެ. ޑރ. ޖަމީލު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން ހުދުމުހުތާރުކަން ދެއްކި ކަމަށް ބުނި ފަރާތްތަކުގެ ރިޔާސަތުގައިވެސް މިފެންނަނީ ހަމަ އެމަންޒަރެއް ކަމަށެވެ. އަދި ބާރު ލިބުމުން ފުދިގެން އަޑުއަހާލަންވެސް ނުކުރޭ ކަމަށާއި، އިހްތިޖާޖު ކުރުމުގެ ހައްގު ހޯދައިދިން ކަމަށް ބުނާ ފަރާތްތަކުން އުޅެނީ ބިރުން ކަމަށް ޑރ.ޖަމީލު ވިދާޅުވި އެވެ.

ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފައި ވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި، މަހިބަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ތޯރިގް، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު، ތ. ގުރައިދޫ ދާއިރާ މުހައްމަދު ގައްސާން މައުމޫން، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެވެ.

މަޖިލީހުގެ ތަޅުމުން ނެރެފައިވާ މެންބަރުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލއްވާފައެވެ.

ހަތް މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރެފައި ވަނީ ހުރިހާ މެމްބަރުންނަށް ވެސް ނަސޭހަތް ދިނުމަށްފަހު، ނަސޭހަތް ގަބޫލު ނުކުރުމުންނެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ސެކިއުރިޓީ އޮފިސަރުންގެ އަރިހުން އެ މެމްބަރުންނަށް ނުވެންނެވޭ ގޮތަށް ދޮރުގެ ތަޅުގެ ގޮބުގައި ހިފަހައްޓައިގެން ހުރުމަށް އަމުރު ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓަށް އަހާފައި ވަނީ އިދިކޮޅު މެމްބަރުން ތަޅުމުން ނެރުމަށްފަހު އެވެ.

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި މަޖިލީހުގެ ތަޅުމުގައި އިއްޔެ ވެސް މެމްބަރުން ވަނީ އިހްތިޖާޖުކޮށްފަ އެވެ.