މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ އަތުން ފޯނަކާ 2،800 ޑޮލަރު ފޭރި ގަނެފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މާލެ އަމީރު އަހުމަދު މަގުން، މަޖީދިއްޔާ ސްކޫލް ކައިރިން މީހަކަށް ހަމަލާދީ ވައްޓާލުމަށް ފަހު ފޯނަކާ 2،800 ޑޮލަރު ފޭރިގަންފައި ވާ މައްސަލަ އެއް މިއަދު 1:55 ހާއިރު ފުލުހުންނަށް ހުށަހެޅިފައި ވާ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަނަށް މީހާކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ވައްކަމާއި ފޭރުން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. އެގޮތުން، މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ މަނީ އެކްސްޗޭންޖު ގެ ބިއްލޫރިގަނޑު ވަނީ ތަޅާލައިފައެވެ. އަދި އޮގަސްޓް މަހު 16 ވަނަ ދުވަހު ކަރަންކާ މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން އެ ފިހާރައިން ވައްކަން ކުރަން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، 4 މީހަކު ދުވެފައި ދަނިކޮށް، ފެނިގެން އެމީހުން ފަހަތުން ގޮސް ހުއްޓުވާފައިވާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.