ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ ބަޔަކު ބޭނުން ކުރަމުންދާ ޓިކްޓޮކް އެޕްލިކޭޝަންއަކީ، އެ އެޕްލިކޭޝަން ބޭނުންކުރަމުންދާ މީހުންގެ ޒާތީ މައުލުމާތު، ޗައިނާއަށް ފޯރުކޮށްދޭ އެޕްލިކޭޝަންއެއް ކަމަށް އެމެރިކާއިން ތުހުމަތު ކޮށްފިއެވެ.

ޓިކްޓޮކް އެޕްލިކޭޝަންއާއި ދެކޮޅަށް އެމެރިކާގެ ކޯޓަކަށް ހުށަހަޅާފައިވާ ދައުވާގައި ބުނެފައިވަނީ، އެޕްލިކޭޝަން ބޭނުން ކުރާ މީހުންގެ އިޒުނަޔަކާ ނުލާ، އެމީހުންގެ މައުލޫމާތު ޓިކްޓޮކް އެޕްލިކޭޝަން މެދުވެރިކޮށް ނަގަމުން އަންނަ ކަމަށެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްއިން އޮޕަރޭޓްކުރާ ޓިކްޓޮކް އެޕްލިކޭޝަންއަކީ، ޗައިނާގެ އެންމެ ބޮޑު ހަތުރުގެ ގޮތުގައި އެގައުމުން ސިފަކުރަމުން އަންނަ އެމެރިކާގެ ޒުވާނުންގެ މެދުގައި އިންތިހާއަށް މަގުލޫބު އެޕްލިކޭޝަންއެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓިކްޓޮކް އެޕްލިކޭޝަން ބޭނުން ކުރާ ބައިލިނިއަނެއްހާ މީހުން އެބަތިއްބެވެ. ކަންމިހެން އޮތްއިރު، ޓިކްޓޮކްއިން މީގެ ކުރިންވެސް ވަނީ އެމެރިކާގެ ޔޫޒާ އެކައުންޓްތައް ބޭނުންކުރާ މީހުންގެ މައުލޫމާތު، ޗައިނާގެ ސާވާތަކުގައި ރައްކާކޮށްފައި ނުހުންނާނެ ކަމަށް ބުނެފައެވެ.

ޓިކްޓޮކްއާއި ދެކޮޅަށް ކެލިފޯނިއާގެ ކޯޓެއްގައި ކުރަމުންދާ ދައުވާގައި ބުނާ ގޮތުން، އެކައުންޓްތައް ބޭނުން ކުރަމުންދާ މީހުންނަކީ ކޮންބައެއްކަން ކަނޑައެޅިގެން އަންގައިދޭނެ ދަރަޖައަށް ޒާތީ މައުލޫމާތު ރައްކާކޮށްފައިވާ ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައިވެސް އެ އެކައުންޓްތައް ގެންގުޅޭ ފަރާތްތައް ޓްރެކް ކުރެވޭ ވަރުގެ ގާބިލުކަން ލިއްބައިދޭނެ މައުލޫމާތުތަކެއް ކަމަށް މި ދައުވާގައި ބުނެފައިވެއެވެ.