މާލޭގައި އާ ސާވިސް ސެންޓަރުތަކާކާއެކު ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކިން ހިދުމަތްތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލްގެ މި ހިދުމަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ހުޅުވުމަށް ކަނޑައެޅިފައިވާ އާ އެކައުންޓް އޯޕަނިން ސެންޓަރާއި ލޯން ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ފުރިހަމަ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ ކަމަށާއި ޑިޖިޓަލް ބްރާންޗާއެކު ކަސްޓަމަރުންގެ ބޭންކިން ތަޖުރިބާ އަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ ބޭންކުގެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ދިނުމަށާއި ބައިނަލް އަގްވާމީ ފެންވަރުގެ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލްގެ ބޭންކިން ހިދުމަތްތަކަށް ބޮޑު ބަދަލެއް ގެނެސް މާލޭގެ އެކި ސަރަހައްދުތަކުގައި ވަކި ވަކި ހިދުމަތްތަކަށް ހާއްސަ ސެންޓަރު ތަކެއް ގާއިމް ކުރުމަށް ހަމަޖައްސައިފައި ވާ ކަމަށެވެ.

މިގޮތުން އަންނަ އަހަރުގެ ޖެނުވަރީ މަހު މުޅިން އަލަށް އެކައުންޓް ހުޅުވުމަށް ހާއްސަ ސެންޓަރަކާއި ލޯން ސެންޓަރެއް ހުޅުވުމަށްވަނީ ނިންމާފައި ވާ ކަމަށެވެ އަދި މި ސެންޓަރުތައް މެދުވެރިކޮށް ޕާސަނަލް ބޭންކިން ކަސްޓަމަރުންނަށް އެކައުންޓް ހުޅުވުމާއި ލޯނަަށް އެދި ހުށަހެޅޭނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ މި ފެށިގެންދާ އައު އަހަރާއެކު، މުޅިން އަލަށް ޑިޖިޓަލް ބްރާންޗެއް މަޖީދީ މަގުގައި ހުޅުވިގެންދާނެ ކަމަށެވެ. މި ސެންޓަރު ވެގެންދާނީ އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިން ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާ ސެންޓަރަކަށް ކަމަށައި މި ބަދަލާއެކު، މިހާރު ހިދުމަތް ދެމުން އަންނަ މަޖީދީ މަގު ބްރާންޗުން ދެމުން އަންނަ ހިދުމަތް އަންނަ އަހަރުގެ ފެބްރުއަރީ 2 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލެވިގެން ދާނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

އަދި ހަމަ އެހެންމެ ކައުންޓަރުން ފޯރޮކޮށްދެވޭ ފައިސާގެ މުއާމަލާތްތައް ނުހިމެނޭ އެހެން ހުރިހާ ހިދުމަތެއް އަލަށް ހުޅުވިގެންދާ އެކައުންޓް އޯޕަނިން ސެންޓަރާއި، ލޯން ސެންޓަރާއި، އަދި މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަސްޓަމާ ސާވިސް ސެންޓަރާއި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް ބޭންކުން މައުލޫމާތު ދެއެވެ. އަދި ފައިސާގެ މުއާމަލާތްތައް ހިމެނޭ ހިދުމަތްތައް މަލޭގައި މެއިން ބްރާންޗް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފްސަރވިސް ބޭންކިންގ ސެންޓަ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަން ވެސް ބީއެމްއެލުން ވަނީ ފާހަގަ ކޮށްފައެވެ.