ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސެއިން އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަދުނާނު ވަކި ކުރުމަށް އާދިއްތަ ދުވަހުގެ ރޭ ނިންމާފައި ވާއިރު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ވަނީ އަދުނާނު މަގާމުން ވަކި ކުރުމަށް ނިންމާފައެވެ. އޭނާ މަގާމުން ވަކި ކުރުމަށް ނިންމާފައި ވަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަން އޭނާ ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އަދުނާން ވިދާޅުވީ، އޭނާއާ ބެހޭގޮތުން ޖޭއެސްސީން ބަލަމުން ގެންދިޔަ ސުލޫކީ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ނިންމުމެއް ނިންމާފައި ވަނީ ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތް ނުކޮށް ކަމަށެވެ. އެގޮތުން، އޭނާއާ ދެކޮޅަށް ބަޔަކު ރާވައިގެން ހިންގާ ކަމެއް ކަން ސާބިތު ކޮށްދެއްވުމަށް ދިފާއީ ހެކީގެ ގޮތުގައި ވަރަށް ގިނަ ހެކިންނާއި ވީޑިއޯ ކޮމިޝަނަށް ހުށަހެޅުއްވި ކަމަށެވެ.

ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސައިން އިސްތިއުވާ ދެއްވާ ޖޭއެސްސީއަށް ފޮނުއްވި ސިޓީ

އަދުނާން ވިދާޅުވީ، އޭނާ ހުށަހެޅުއްވި ހެކިތަކަށް ޖޭއެސްސީން ރިއާޔަތް ނުކޮށް ވަނީ ޒާތީ ގޮތުން ޖައްސާލާފައި ކަމަށެވެ. އަދި ގާނޫނީ ގޮތުން އަދުނާނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަމުން އޭނާ މަހުރޫމު ކޮށް، ރިޓަޔާ ވުމަށް އެދިވަޑައިގަތުމުން އެކަމަށް ވެސް ފުރުސަތު ނުދީ، ދިފާއީ ހެކިންނާއި ސުވާލު ކުރުމެއް ނެތި ބަޔާން ނުނަގާ، ކޮމިޝަނުން ވަނީ އޭނާ ސިޔާސީ ކަންކަމުގައި އުޅުއްވި ކަމަށް ބުނެ ދޮގު ތުހުމަތުތަކެއް ކޮށްފައި ކަމަށް އޭނާ ބުނެއެވެ.

"މިއީ އަޅުގަނޑުގެ ދުވަސް ދުއްވާލަން ކޮމިޝަނުގެ ތެރެއިން ވެސް ބަޔަކު އެއްވެގެން ވަރަށް ބޮޑު ރޭވުމެއްގެ ތެރެއިން ހިނގާފައިވާ ކަމެއް"
އަދުނާން

އަދުނާނުގެ މައްޗަށް ސާބިތުވީ ކޮން ސުލޫކީ މައްސަލައެއް ކަމެއް އަދި އެކަމުގެ އެއްވެސް ތަފްސީލެއް ޖޭއެސްސީ ހާމަކޮށްފައި ނުވާ އިރު، އަދުނާން ވިދާލުވީ ތުހުމަތު ކޮށްފައި އޮތީ ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ސިޔާސީ ގޮތުން ހަރަކާތްތެރިވި މައްސަލައެއް ކަމަށް އަދުނާން ވިދާޅުވެއެވެ.

އަދުނާން ވިދާޅުވީ، މިއީ ސިޔާސީ ބޭނުމަކަށް ބަޔަކު ރާވައިގެން ސިޔާސީ ގޮތުން ޖެއްސި ދަންތުރައެއް ކަމަށެވެ.