ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެންފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވީ ވިއްސަކަށް އަހަރު ދުވަހަށް ބަލާއިރު އެކަނިވެސް، އަހަރެއްގެ މައްޗަށް 2.5 ބިލިއަން ޑޮލަރުގެ އިގުތިސޯދީ ގެއްލުމާ ފަލަސްތީނަށް ކުރިމަތިލާން ޖެހުނު ކަމަށް އދއިން އާންމުކުރި ރިޕޯޓެއް ބުނެފިއެވެ.

ވިޔަފާރިއާއި ތަރައްގީއާއި ބެހޭ އދގެ ކޮންފަރަންސްއަށް ހުށަހަޅާފައިވާ ރިޕޯޓް ބުނާ ގޮތުގައި 2000 -2017 ވަނަ އަހަރާ ދެމެދު ފަލަސްތީނުގެ އިގުތިސޯދަށް ލިބުނު މާލީ ގެއްލުމުގެ އަގު 47.7 ބިލިއަން ޑޮލަރަށް އަރައެވެ. މީގެ ތެރޭގައި އިންޓްރެސްޓްގެ ގޮތުގައި އަރާފައިވާ 28 ބިލިއަން ޑޮލަރާ، ފަލަސްތީނަށް ލިބުނު މާލީ އާމްދަނީއިން ލީކުވި 6.6 ބިލިއަން ޑޮލަރު ހިމެނެއެވެ.

މިއީ ފަލަސްތީނުގެ ސަރުކާރާ މަތިވެފައިވާ 17.7 ބިލިއަން ޑޮލަރުގެ ބަޖެޓް ދަރަނި 2 ގުނައަށް ފިލުވާލެވޭނެ އަދަދެކެވެ. އދއިން އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި 47 ބިލިއަން ޑޮލަރަކީ، އިނދަޖެހިފައިވާ ފަލަސްތީނުގެ އިގުތިސޯދުގައި ބިނާކުރަނިވި ގޮތަކަށް އިންވެސްޓްކުރެވިއްޖެ ފައިސާއަކަށް ވަނީނަމަ، 18 އަހަރުގެ މުއްދަތުގެ ތެރޭގައި 2 މިލިއަން ވަޒީފާގެ ފުރުސަތުވެސް ހުޅުވިގެން ދިޔައީހެއެވެ. އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ، 110000 ވަޒީފާގެ ފުރުސަތެވެ.

ފަލަސްތީނު ސަރުކާރުން ގާއިމުވެފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގައި މި ރިޕޯޓް އާންމުކުރީ ޕަލަސްޓައިން އިކޮނޮމިކް ޕޮލިސީ ރިސާޗް އިންސްޓިޓިއުޓް (އެމްއޭއެސް) އިންނެވެ.

އެމްއޭއެސްގެ ސީނިއާ ރިސާޗާ މިސްޔީފް ޖަމީލް ވިދާޅުވީ، މި ރިޕޯޓްގައި ހިމަނާފައިވަނީ ސީދާ މާލީ ގެއްލުމުގެ ތަފާސް ހިސާބުތަކުން އެއްކުރެވުނު މައުލޫމާތު ކަމުން، ހަގީގީ ގެއްލުމުގެ އަގު، މިއަށްވުރެ އެތައް ގުނައެއް އިތުރުވުން އެކަށީގެންވާ ކަމަށެވެ.