ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ކުރީގެ ޑެޕިއުޓީ ޕީޖީ އަދި ގާނޫނީ ވަކީލު ހުސެއިން ޝަމީމް، އެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.

ޖުޑިޝަރީ ކޮމެޓީގެ ރޭގެ ބައްދަލުވުމުގައި ޝަމީމްގެ އިންޓަވިއު ވަނީ ކޮށްފައެވެ. ކޮމެޓީން ވަނީ ޖިނާއީ އަދުލުގެ ނިޒާމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އިތުރުން ޝަރުއީ ދާއިރާއާ ގުޅޭގޮތުން ޝަމީމްއާ ގިނަ ސުވާލުތަކެއް ކޮށްފައެވެ. އޭނާ ޕީޖީ ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްވެފައިވަނީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

ޕީޖީގެ މަގާމުގައި ދާދި ފަހަކާ ޖެހެންދެން އިންނެވި އައިޝަތު ބިޝާމް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވީ ތިން ބޭފުޅުންނެވެ. އެއީ ޝަމީމާއި ކުރީގެ ޑެޕިއުޓީ ޕީޖީގެ މަގާމު ފުރުއްވި މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލު އަހްމަދު ޒަނީން އެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ އެންމެ ނަމެކެވެ. އެއީ ޝަމީމެގް ނަމެވެ.

ޕީޖީގެ މަގާމަށް ޝަމީމް އައްޔަން ކުރަން ކޮމެޓީން ރުހުން ދީފައިވާއިރު، އޭނާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަ (އޭސީސީ) އަށް ވަނީ ހުށަހަޅާފައެވެ.

އޭސީސީން ބުނީ، ޝަމީމްއާ ބެހޭގޮތުން ހުށަހަޅާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މީހަކަށް ދައުވާ ނުކުރަން ނިންމި މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް އޭސީސީން ހާމަ ކޮށްފައެއް ނުވެއެވެ.

ޝަމީމްއާ ބެހޭގޮތުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކީ އޭނާ ޑޭޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި އިރު، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނަކު، ގަވާއިދާ ހިލާފަށް ރާއްޖެއަށް ބުދެއް އެތެރެ ކުރި މައްސަލައިގައި ދައުވާ ނުކުރަން ނިންމި ކަމަށް ބުނާ މައްސަލައެއް ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.