ފަށެއް ވިއްކަން އުޅިނިކޮށް ހިނގި މާރާމާރިއެއްގައި މީހެއްގެ ބޯ ފަޅާލައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު 3:16 ހާއިރު ގަލޮޅު ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރިއެއްގައި މީހެއްގެ ބޯ ފަޅާލާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މާރާމާރި ހިނގާފައިވަނީ ދެމީހެއް ފަށެއް ވިއްކަން ގަލޮޅު ގެއަކަށް ވަދެ އުޅެނިކޮށް ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށެވެ. އެގޮތުން، ފަށް ވިއްކަން އުޅުނު މީހާއަށް ފިހިގަނޑަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ މި މާރާމާރި ހިނގި ގޭގައި އުޅޭ މީހާ ކަމަށް ފުލުހުން ބުނެއެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާރާމާރި ހިންގުމަކީ މިހާރު ރާއްޖޭގައި ވަރަށް އާންމުވެފައިވާ ކަމެކެވެ. އެގޮތުން މިއަހަރު ފުރަތަމަ 10 މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާރާމާރީގެ 278 މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އަދި އޭގެ ތެރެއިން 72 މައްސަލަ ފުލުހުން ވަނީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.