ދީނީ ހަރުކަށި ވިސްނުން ހުރިކަމަށް ބެލެވޭ އާއިލާއެއްގެ 7 ކުޑަކުދިން މިއަދު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، ދީނީ ހަރުކަށި ވިސްނުން ހުރިކަމަށް ބެލެވޭ އާއިލާއެއްގެ 7 ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސް އާއި ފުލުހުން ގުޅިގެން ކަމަށެވެ. އެގޮތުން މި މައްސަލާގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެއާއިލާގައި ހިމެނޭ ހަކުދިންނާއި އަދި އުުމުރުން 13 އަހަރުގެ ކުއްޖާ ވިހޭދަރި ހިމެނޭގޮތަށް އެއާއިލާއަށް ނިސްބަތްވާ ހަތްކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމައްޓަކައި ކަމަށެވެ.

ފުލުހުން ބުނީ، އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެ ކުދިންނަށް އިހުމާލުވެ، އެކުދިން ތައުލީމުން މަހުރޫމް ކޮށްފައިވާ މައްސަލަ އާއި އަދި އެއާއިލާގައި ހިމެނޭ ކުއްޖަކު ބަލިވެއިނދެ ދަރިއަކު ވިހާފައިވާ މައްސަލައިގެ ސަބަބުން ކަމަށެވެ. ދީނީ ހަރުކަށި ވިސްނުން ހުރިކަމަށް ބެލެވޭ އެއް އާއިލާއެއްގެ ކުދިންތަކަކަށް އެކުދިންގެ މައިންބަފައިން އިހުމާލުވެ އެކުދިންނަށް ވެކްސިން ނުދީ ތައުލީމުން މަހުރޫމް ކޮށްފައިވާ ކަމަށާއި، އެއާއިލާގެ ކުއްޖަކު ބަލިވެއިނދެ ދަރިއަކު ވިހާފައިވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ އެކުދިންނާއި މެދު އިހުމާލުވެފައިވާ މައްސަލަ އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.