ހުކުރު މިސްކިތުގެ މުންނާރުގެ އާބަތުރަފިލުވައި ރީތި ކުރުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ދަށުން ހިންގާ ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުން ނިންމައިފިއެވެ.
ތަރިކަ ރައްކާތެރި ކުރާ މަރުކަޒުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީީ، ހުކުރު މިސްކިތުގެ މުންނާރަކީ ތިން ސަތޭކަ އަހަރުވާން ގާތް ވެފައިވާ އަގުނުކުރެވޭ ވަރުގެ ތަރިކައެއް ކަމަށް ވާތީ މުންނާރު ރައްކާތެރިކޮށް، ޒަމާންތަކަށް ދެމިގެން ދާނެހެން އެތައް ބެލެއްހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މުންނާރަކީ ހިރިގަލުން އިމާރާތްކޮށް، އުވަލާފައިވާ ބިނާއެއް ކަމުން ކޮންޒަވޭޝަން ހަމަތަކުގެ މަތިން މޫސުން ތަންދޭ އެންމެ އަވަސް ފުރުސަތެއްގައި މުންނާރުގެ އާބަތުރަފިލުވައި ރީތިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ މަރުކަޒުން ބުނެއެވެ.
ތަރިކަ ރައްކާތެރި ކުރާ މަރުކަޒުން ބުނީ، ހުކުރު މިސްކިތުގެ މުންނާރު ރީތިކުރުމަށްޓަކައި ޒަމާނީ ކުލައާއި ދަވާދު ބޭނުންކުރުމަކީ މުންނާރަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމެއް ކަމަށެވެ. އަދި މުންނާރަކީ ހިރިގަލާއި އުވައިން ހަދާފައުވާ ތަނަކަށް ވާތީ، މުންނާރަށް ރައްކާތެރިކަން ލިބެނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށް ދިރާސާތަކާއި ހަވާލާދީ އެ މަރުކަޒުން ބުނެއެވެ. އެ މަރުކަޒުން ބުނީ މުންނާރު ރީތިކުރުމަށްޓަކައި މިހާތަނަށް ބޭނުން ކުރަމުން ދިޔައީ އުވަ ކަމަށެވެ.
ހުކުރު މިސްކިތުގެ މުންނާރު ދޮވެ، ސާފުކޮށް އާބާތުރަ ފިލުވުމަށް ތަރިކް ރައްކާތެރި ކުރާ މަރުކަޒުން މިހާތަނަށް ކުރަމުންދިޔަ މަސައްކަތުގެ އިތުރުން، ދާދި ފަހުން ވަނީ އެއްބަސްވުމެއް ވެފައެވެ. އެ އެއްބަސްވުމުގެ ދަސުން ސްޓެލްކޯއާ ގުޅިގެން މުންނާރާއިި ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ހުރި 4 ފެންވަޅު ސާފުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވެފައިވާ ކަމަށް ތަރިކަ ރައްކާތެރި ކުރާ މަރުކަޒުން ބުނެއެވެ. އެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް، އެ މަސައްކަތް ނުފެށި މަޑުޖެހިފައި އޮތީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ.
މީގެ އިތުރުން ތަރިކަ ރައްކާތެރި ކުރާ މަރުކަޒުން ބުނީ، އުވަ އަކީ އިމާރާތެއްގައި އެ ލުމަށްފަހު، އަވި ލިބިގެން ނޫނީ ހިކޭ އެއްޗެއް ނޫން ކަމަށެވެ. އަދި މުންނާރު ވަރުގެ އިމާރާތެއްގައި އުވަލައި، އާބާތުރަ ފިލުވުމަށްޓަކައި އިމާރާތުގައި ތެއްކަމެއްނެތި އެތަނުގައި ޖަހާ އުވަ ފުރިހަމައަށް ހިކުމަށްޓަކައި ވަގުތު ބޭނުންވާ ކަމަށް އެ މަރުކަޒުން ބުނެއެވެ. މުންނާރަކީ އާސާރީ ތަރިކައެއް ކަމުން، އެ އިމާރާތުގައި ބޭރުން ތަކެތި ވިއްދުމާއި އެފަދަ އެހެން ކަންކަން ކުރުމަކީ އެ އިމާރާތަކަށް ގިނަ ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށްވީއިތު، އެއީ ތަރިކަ ރައްކާތެރި ކުރާ މަރުކަޒުން އެފަދަ މަސައްކަތް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށް އެ މަރުކަޒުން ބުނެއެވެ.