އިންފުލުއެންޒާ އަކީ އިންފުލުއެންޒާ ވައިރަސް އަކުން ނޭވާލާ ނިޒާމަށް ޖެހޭ އަރިދަފުސް ރޯގާ ފަދަ ބައްޔަކެވެ. މިބަލީގެ ސަބަބުން ގިނަ މީހުންނަށް އާދައިގެ މިންވަރަކަށް އަރިދަފުސް ރޯގާ ޖެހޭ ނަމަވެސް މަދުބަޔަކަށް ބަލީގެ ހާލަތު ބޮޑުވުމުގެ ސަބަބުން ފުރާނަޔަށް ނުރައްކާތެރިވެއެވެ. އިންފުލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، ކަރުގައި ރިއްސުން، ނޭފަތުން ފެން އައުން ނުވަތަ ނޭފަތް ބެދުން، ގައިގައި ރިހުން، ބޮލުގައި ރިހުން އަދި ވަރުދެރަވުން ހިމެނެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބު ދައްކާ ގޮތުން މިދިޔަ މަހު ޝައްކުވެގެން 261 މީހަކު ޓެސްޓުކުރި އިރު 130 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައި ވެއެވެ. އެކަމަކު މިދިޔަ އޮކްޓޯބަރު މަހު އެ އަދަދު އުޅުނީ 38 ގައެވެ.

ރާއްޖެއިން މިދުވަސްވަރު އާނަމުކޮށް ފެންނަނީ އިންފްލުއެންޒާ-އޭ ގެ ބާވަތެވެ. އެ ބަލީގައި ހުން އައިސް ރޯގާ ޖެހުމުގެ އިތުރުން، ނޭފަތް ބެދި ގިނައިން ކެއްސާ، ކިނބިހި އަޅާ ހަދާކަން ފާހަގަކުރެވެއެވެ. އަދި ބޮލާއި ކަރުގެ އިތުރުން މުޅި ގައިގައި ރިއްސާ، ހީކަރުވާ، ވަރުބަލި ވުމަކީވެސް އެބަލީގެ އަލާމާތެކެވެ.

އައިޖީއެމްއެޗްގެ މެއިން އޯޕީޑީ / ފޮޓޯ: އައިޝަތު ޝާޒުލީން | ދަ ޕްރެސް

މި ފަހަކަށް އައިސް ރާއްޖޭގައި އިންފުލުއެންޒާ ވަރަށް ގަދައަށް ފެތުރެމުންދާކަމުގެ ހަބަރު ފެންމަތިވެފައިވާ އިރު އެ ބަލީގައި ދެމީހަކު މަރުވެފައިވާ ކަމީ ހިތާމަކުރަންޖެހޭ ކަމަކެވެ.

ފުތަރަމަ މަރު: ނުކުޅެދުންތެރިކަން ހުންނަ ކުޑަ ކުއްޖެއް

އިންފްލުއެންޒާ ޖެހިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުޑަކުއްޖަކު މަރުވި ހަބަރަކީ އެތައް ދިވެހިން ތަކެއް ސިއްސުވާލި ހަބަރެކެވެ. މަރުވެފައިވަނީ ނުކުޅެދޭ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. ބައެއް މީޑިއާތަކުންް މި ވާހަކަ ރިޕޯޓު ކުރަމުން ބުނެފައިވަނީ އެ ކުއްޖާއަށް އިންފްލުއެންޒާ ޖެހި ނިއުމޯނިއާއަށް ވެސް ޕޮސިޓިވް ވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ބަހެއް ހޯދުމަށް އައިޖީއެމްޗަށް ގުޅުމުން އެފަރާތުން ބުނެފައިވަނީ އެކުއްޖާ މަރުވީ އިންފުލުއެންޒާ ޖެހިގެން ނޫން ކަމަށެވެ.

ދެވަނަ މަރު: 51 އަހަރުގެ ފިރިހެނެއް

އަނެއްކާވެސް މިވަނީ އިންފްލުއެންޒާގެ ޝިކާރަަކަށްވެ މީހަކު މަރުވެފައެވެ. އިއްޔެ މަރުވެފައި ވަނީ އުމުރުން 51 އަހަރުގެ ފިރިހެނެކެވެ. އެފަރާތުގެ އާއިލާއިން ބުނެފައި ވަނީ، އެމީހާ ބަލިވެ އުޅޭތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އޭނާ މަރުވި އިރު އިންފްލުއެންޒާ "އޭ" އަށް ޕޮސިޓިވް ވެފައިވާ ކަަމަށާއި އަދި ނިއުމޯނިއާއަށް ވެސް ޕޮޒިޓިވް ވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

މިކަމާ ގުލީގެން އައިޖީއެމްއެޗް ގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ މީޑިއާ ގައި ދައުރުވަމުންދާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ. އިންފުލުއެންޒާ ޖެހިގެން މަރުވި ކަމަށް ބުނާ މީހަކީ އެހެން ބައްޔެއްގައި މަރުވި މީހެއް ކަމަށާއި ބަލިމީހުންގެ މައުލޫމާތު ހިއްްސާ ނުކުރާ ކަމަށެވެ.

އިންފުލުއެންޒާ ފެތުރެނީ، ސަމާލުވޭ: އެޗްޕީއޭ

އިންފުލުއެންޒާ ފެތުރެމުން މިދާ ދަނޑިވަޅުގައި، ފުލޫ ރޯނގާއަށް ބޭސް ނެތް ކަމަށާއި، އިންފުލުއެންޒާ ވެކްސިން ނެތް ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ.

މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) ގެ އޮފިޝަލަކު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މާލެއިން ވެކްސިން ހުސްވެފައި ނުވާ ކަމަށާއި، އެސްޓީއޯ ފާމަސީތަކުން ވެކްސިން ލިބޭނެ ކަމަށެވެ. އަދި އާންމުކޮށް އިންފުލުއެންޒާއަށް ބޭސް ދޭނީ ހައި ރިސްކް މީހުންނަށް ކަމަށާއި، އެ ބޭސް ހުރިހާ ހޮސްޕިޓަލްތަކުން ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވެއެވެ.

އިންފުލުއެންޒާ ވެކްސިން ހެލްތް މިނިސްޓްރީން ދޫކުރަނީ / ފައިލް ފޮޓޯ

ހައި ރިސްކް މީހުންގެ ތެރޭގައި މާބަނޑު މީހުންނާއި ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ ފަރުވާ ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އިތުރުން އެކި ސަބަބުތަކާ ހުރެ ގުނަވަން ބަދަލުކޮށްފައިވާ ފަރާތްތައް ހިމެނެއެވެ. އަދި ޑަޔާލިސިސް ހަދަމުންދާ މީހުންނާއި ނޭވާލާ ނިޒާމުގެ ބައްޔަކަށް ފަރުވާ ކުރާ މީހުން އަދި އުމުރުން 65 އަހަރަށްވުރެ މަތީ މީހުންނާއި ހަ މަހާއި ހަ އަހަރާ ދެމެދު ކުދިންގެ އިތުރުން ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުން ހިމެނެއެވެ.

އެޗްޕީއޭ އިން ބުނީ އިންފުލުއެންޒާ ކިތަންމެ ހަލުވިކޮށް ފެތުރެމުން ދިޔަ ނަމަވެސް، ކޮންމެ މީހަކީ ބޭހާއި ވެކްސިން ބޭނުންވާ މީހެއް ނޫން ކަމަށާއި ގިނަ މީހުންނަށް އިންފުލުއެންޒާ ޖެހުނަސް، ސީރިއަސްނުވެ ރަނގަޅުވާ ކަމަށެވެ. ނަމަވެސް، އެކަށީގެންވާ މިންވަރަށް ބޭހާއި ވެކްސިން ވެސް ރާއްޖެއިން ލިބެން ހުންނާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

އިންފްލުއެންޒާ ޖެހިގެން ދެމީހަކު މަރުވެފައިވާ ކަމަށް ހަބަރު ފެތުރެމުންދާ އިރު އެކަމާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިތަލުން ވަނީ އެކަން ދޮގުކޮށްފައެވެ. މި ކަމާ ގުޅިގެން މިހާރު ސޯޝަލް މީޑިއާގައި އާންމުން ދަނީ އެ ހޮސްޕިޓަލަށް ފާޑުކިޔާ ޝުއޫރުތައް ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މީހަކު މަރުވެއްޖެ ކަމަށް ބުނުމުން އައިޖީއެމްއެޗުން އެންމެ ފަސޭހައިން ބުނާނީ އެކަން ގޮދުކުރާ ކަމަށެވެ.