ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އިން ތާއީދުކޮށްފިއެވެ.

އެމައްސަލަ މިއަދު ޖުޑިޝަރީ ކޮމެޓީއިން ބެލުމަށްފަހު ނިންމެވީ ގާޒީ ހައިލަމް ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި ހައިލަމް ވަކި ކުރަން މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.

ގާޒީ ހައިލަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރޭ ބޭއްވި ބައްދަލުވުމުގައިއެވެ.

ޖޭއެސްސީއިން ނިންމާފައިވަނީ ހައިލަމްގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމުން އޭނާގެ ކިބައިގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ނުޖެހޭ ފަދަ އަމަލުތައް ފެނިފައިވާ ކަމަށެވެ. އެހެން ކަމުން އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށެވެ.

ހައިލަމްއާ ގުޅޭ ގޮތުން ޖޭއެސްސީއިން ބެލީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅޭ މައްސަލައެވެ.

ވައިބާ ގްރޫޕަކަށް ގަންހިންގުވާ ފޮޓޯއެއް ޝެއާ ކުރެއްވުމުގެ އިތުރުން އޭނާ އަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ 200،000ރ. ދެއްވި މައްސަލައެއް ވެސް ޖޭއެސްސީން ބެލި އެވެ. އެކަމުގައި ޖިނާއީ އެއްވެސް ކަމެއް ހިނގާފައި ނޯންނާނެ ކަމަށާއި އަލްހާނަކީ އޭނާގެ ގާތް އެކުވެރިއެއް ކަމަށް ހައިލަމް ވިދާޅުވެފައިވެއެވެ.