ފޮނަދޫ މަތިން އާދަޔާ ހިލާފު ވިލާ ކޮޅެއްގެ ފެނިއްޖެއެވެ.

ސޯޝަލްމީޑިއާ ގައި ދައުރުވަމުންދާ މި ފޮޓޯގެ ކެޕްޝަންގައި ޖަހާފައިވަނީ އެއީ މިއަދު ލ. ފޮނަދޫގެ މަތިން ފެނުނު ވިލާ ކޮޅެއް ކަމަށެވެ. އެ ވިލާކޮޅުގައި ފެންނަނީ ހަތަރު ކުލައެކެވެ. ރީނދޫ، ފެހި، ނޫ އަދި ރަތް ކުލައިން ފެނިގެންދާ މި ވިލާ ކޮޅަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ގިނަ ބަޔަކު ސިފަކުރަމުން އަންނަނީ އެ ވިލާކޮޅުން ފެނިގެންދަނީ ރެއިންބޯ ކުލަތައް ކަމަށެވެ. އަނެއްބަޔަކު ބުނަމުންދަނީ އެ ވިލާކޮޅުން އެފަދަ ދަޅަތަކެއް އަޅަނީ ކަމަށެވެ. އެކި އޭންގަލްތަކުން އެ ވިލާކޮޅުގެ ފޮޓޯ ނަގާ ޝެއާކޮށްފައިވާ ޕޯސްޓަށް ގިނަބަޔަކު ދަނީ ލައިކް ދީ ޝުއޫރުތައް ފާޅުކުރަމުންނެވެ.

ފޮނަދޫ މަތިން ފެނުނު އާދަޔާ ހިލާފް ވިލާކޮޅު / ފޮޓޯ: ސޯޝަލް މީޑިއާ

އެގޮތުން އާންމުންގެ މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ވަނީ އެއީ ރޮކެޓް ފަދަ އެއްޗެއް ދަތުރު ކޮށްފައި ދާއިރު އޭގެ ސަބަބުން ވައިގެ ފިނި ހޫނު މިނަށް އަންނަ ބަދަލެއްގެ ސަބަަބުން ވާކަމެއް ކަމަށެވެ. އެގޮތުން އެ ވިލާކޮޅަކީވެސް އެފަދައިން އުފެދިފައިވާ ވިލާކޮޅެއްކަމަށް ބުނަމުން އޭނާ އެކަން ތަފްސީލްކޮށްދީ ބުނެފައިވަނީ އެ ވިލާކޮޅަށް އަވީގެ ދަޅަ އެޅުމުން އެފަދަ ކުލަތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަަމަށެވެ.

އަނެއްބަޔަކު މަޖާޒީ ގޮތެއްގައި ބުނެފައި ވަނީ އެއީ ދާދި ފަހުން ނިމިގެން ދިޔަ ކަލާރަންގެ ސަބަބުން ޖައްވަށް އަރާފައިވާ ކުލަތަކެކެވެ. އަދި އެ މަންޒަރަކީ ވަރަށް ރީތި މަންޒަރެއް ކަމަށްވެސް މީހުން ދަނީ ބުނަމުންނެވެ.