ޒަމާނީ އަޅުވެތިކަމުގެ ޝިކާރައަކަށްވެ ބަންދުވެފައިވާ 40 މިލިއަނަށްވުރެ ގިނަ މީހުން މިއަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި ކަމަށް މަސައްކަތްތެރިންގެ ބައިނަލްއަގުވާމީ ޖަމިއްޔާ (އައިއެލްއޯ)އިން ބުނެފިއެވެ.

ޒަމާނީ އަޅުވެތި ކަމަކީ ގާނޫނެއްގައި އަދި ކަނޑައެޅިފައިވާ މާނައެއް ލިޔެފައިވާ ކަމަކަށް ނުވި ނަމަވެސް، ޒަމާނީ އަޅުވެތި ކަމުގެ ގިންތިއަށް ފެތޭ ކިތަންމެ އަމަލެއް ދުނިޔޭގެ ހިސާބުތަކުގައި މިއަދުވެސް ހިންގަމުންދާކަން އދއިން ފާހަގަކުރެއެވެ.

ޒަމާނީ އަޅުވެތިކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަށް ބަލާއިރު މަޖުބޫރުން ލޭބަރުން ލައްވާ މަސައްކަތް ކުރުވުމާ، ދަރަނީގެ ބޮންޑުގެ ގޮތުގައި މަސައްކަތް ކުރުވުމާ، ނުރުހުމުގައި މަޖުބޫރުން ކައިވެނި ކުރުވުމާ އިންސާނީ ވަގުފާރިވެސް ހިމެނޭ ކަމަށް އދއިން ބުނެއެވެ.

ޒަމާނީ އަޅުވެތިކަން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މިޑްލްސެކްސް ޔުނިވާސިޓީ

ޖުމުލަ ގޮތެއްގައި ބުނާނަމަ ޒަމާނީ އަޅުވެތިކަމަކީ، އެކަމަކުން ދުރުވާނެ އިހުތިޔާރު އަމިއްލަ ނަފުސަށް ލިބިފައި ނުވާ ކޮންމެ ހާލެއްގައި އިންސާނަކު "ބަންދުކޮށްގެން" ގެންގުޅުމެވެ. އެގޮތުން ބިރުދެއްކުމާ، އޮޅުވާލުމާ ބާރާއި ނުފޫޒުގެ ނާޖާއިޒު ފައިދާ ނަގައިގެން އަޅުންގެ ގޮތުގައި މީހުން ގެންގުޅުމަކީވެސް ޒަމާނީ އަޅުވެތިކަމުގެ ކުޑައިގެ ދަށަށް ފެތޭ ކަންކަން ފާހަގަކުރަންޖެހެއެވެ.

ޒަމާނީ އަޅުވެތިކަމުގެ ޝިކާރައަކަށްވެފައިވާ ކުޑަކުދިންގެ އަދަދުވެސް މަދެއް ނޫނެވެ. އދގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ ކުޑަކުދިންގެ އާބާދީގެ ކޮންމެ 10 ކުއްޖަކުން 1 ކުއްޖަކީ ޒަމާނީ އަޅުވެތިކަމުގެ ޝިކާރައަކަށްވެފައިވާ ކުދިންނެވެ. އެގޮތުން 150 މިލިއަން ކުދިންނަކީ މަސައްކަތު ވެއްޓާ އެކަށީގެން ނުވާ ޅަ އުމުރެއްގައި މަސައްކަތްކޮށް އުޅެން މަޖުބޫރުވެފައިވާ ކުދިން ކަމަށް އދއިން ބުނެއެވެ.

އައިއެލްއޯގެ ތަފާސް ހިސާބުތަކަށް އަވަސް ކަޅިއެއް

  • 40.3 މިލިއަން މީހުންނަކީ ޒަމާނީ އަޅުން ކަމަށް ލަފާކުރެވޭ. މީގެ ތެރޭގައި މަޖުބޫރުން މަސައްކަތް ކުރަންޖެހިފައިވާ އަޅުންގެ ގޮތުގައި ތިބި 24.9 މިލިއަން މީހުންނާ ނުރުހުމުގައި މަޖުބޫރުގައި ކައިވެނިކުރަންޖެހުނު 15.4 މިލިއަން މީހުން ހިމެނޭ
  • ދުނިޔޭގެ ޖުމުލަ އާބާދީއަށް ބަލާއިރު ކޮންމެ 1000 މީހަކުން 5.4 މީހުންނަކީ ޒަމާނީ އަޅުވެތިކަމުގެ ޝިކާރައަކަށްވެފައިވާ މީހުން
  • ކުޑަކުދިންގެ އާބާދީއަށް ބަލާއިރު ކޮންމެ 4 ކުއްޖަކުން 1 ކުއްޖަކީ ޒަމާނީ އަޅުވެތިކަމުގެ ޝިކާރައަކަށްވެފައިވާ ކުއްޖެއް
ޒަމާނީ އަޅުވެތިކަން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ސީބީއެސްނިއުސް
  • މަޖުބޫރުން އަޅުންގެ ގޮތުގައި މަސައްކަތް ކުރަން ޖެހިފައިވާ މީހުންގެ އާބާދީއަށް ބަލާއިރު 16 މިލިއަން މީހުންނަށް އަނިޔާ ލިބެމުންދަނީ ޕްރައިވެޓް ސެކްޓަރުގެ ތެރެއިން. މީގެ ތެރޭގައި ގެވެހި މަސައްކަތު މީހުންނާ، އުމްރާނީ ބިނާވެށީގެ މަސައްކަތާ ދަނޑުވެރިކަމުގެ ސިނާއީ މަސައްކަތްތަކުގައި ތާށިވެފައިވާ މީހުން ހިމެނޭ. 4.8 މިލިއަން މީހުންނަކީ އަމިއްލަ ރުހުމަކާ ނުލާ ޖިންސީ އަޅުންގެ ގޮތުގައި އެބައެއްގެ ކިބައިން ނާޖައިޒު ފައިދާ ނަގަމުންދާ މީހުން. 4 މިލިއަން މީހުންނަކީ ދައުލަތްތަކުގެ އަމަލުތައް ހުންނަ ގޮތުން އަޅުންނަށް ވެފައިވާ މީހުން.
  • ޒަމާނީ އަޅުވެތިކަމުގެ ތެރެއިން އުފެދޭ މަޖުބޫރުން މަސައްކަތް ކުރަންޖެހިފައިވާ މީހުންގެ ގިންތިއަށް ބަލާއިރު ގިނައީ އަންހެނުންނާ އަންހެން ކުދިން. ޖިންސީ އަޅުންގެ "ސިނާއަތަށް" ބަލާއިރު 99 ޕަސެންޓް މީހުންނަކީ އަންހެނުންނާ އަންހެން ކުދިން ކަމަށްވާއިރު، އެހެން ދާއިރާތަކުގައި އަންހެނުންނާ އަންހެން ކުދިންގެ ހިއްސާއަކީ 58 ޕަސެންޓް

އައިއެލްއޯއިންވަނީ ނުރުހުމުގައި މަޖުބޫރުން މަސައްކަތް ކުރަންޖެހުމުގެ އަޅުވެތިކަމުގައި ބަންދުވާ މީހުންގެ އަދަދު މަދުކޮށް، އެކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގެ މުއާހަދާއެއް 2016 ވަނަ އަހަރު އެކުލަވާލާފައެވެ. އަދި މިހިނގާ 2019 ވަނަ އަހަރު ނިމުމުގެ ކުރިން، އެންމެ މަދުވެގެން 50 ގައުމަކުން މި މުއާހަދާ ތަންފީޒު ކުރުވުމަކީ ކަމާ ބެހޭ ފަރާތްތަކުގެ އަމާޒެކެވެ.

އަޅުވެތިކަން ނައްތާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހެވެ.