ކައިވެނީގެ ބޭރުން 13 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނިކޮށްގެން އުޅޭ މައްސަލައިގައި 26 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފިއެވެ.
މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ހަމަނުޖެހުމުގައި ޒަހަމްވި، ރ. މަޑުއްވަރީ ހައްމާދު އިސްމާއީލްއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަަސަން ހަނީފް ވިދާޅުވީ ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްގެ ކުދިންތަކެއް އިންސާނީ ހައްގު ތަކުން މަހުރޫމު ވެފައިވާ މައްސަލަ ބަލަމުން ދަނިކޮށް 13 އަހަރުގެ ކުއްޖާ ބަލިވެ އިން މައްސަލަ އާންމު ފަރާތަކުން ހުށަހަޅާފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އެމައްސަލަ ބަލަމުން ދަނީ ކުޑަކުއްޖަކާމެދު ގަދަކަމުން ޖިންސީ އަމަލު ހިންގި މައްސަލައެއްގެ ގޮތުގައި ކަމަށްވެސް ހަނީފް ވިދާޅުވިއެވެ.
ހައްމާދު ހައްޔަރު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ހަނީފް ވިދާޅުވިއެވެ.
"މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފަރާތަކީ މީގެ ކުރިން ޓެރަރިޒަމްގެ މައްސަލަ ޝަރީއަތަށް ސާބިތުވެ، ކުށުގެ ރެކޯޑް އޮންނަ ފަރާތެއް،" ހަނީފް ވިދާޅުވިއެވެ.
ހަނީފް ވިދާޅުވީ މައްސަލައާ ގުޅިގެން ތަހުގީގަށް 14 ފަރާތަކާ ސުވާލު ކުރެވި، ފޮރެންސިކް ބައެއް ހެކިތައް ހޯދައި ވެރިފައި ކުރުމުގެ މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ.
"އެގޮތުން ވިހާފައިވާ ކުއްޖާގެ ޑީއެންއޭ އާއި ތުހުމަތު ކުރެވޭ ފަރާތުގެ ޑީއެންއޭއާ ދިމާވެފައިވާކަން ފާހަގަ ކުރަން،" ހަނީފް ވިދާޅުވިއެވެ.
މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕީޖީ އޮފީހާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށްވެސް ހަނީފް ވިދާޅުވިއެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ހަމްމާދުގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.