މިނިސްޓާ އޮފް ފިޝަރީސް، މެރިން އެންޑް އެގްރިކަލްޗާ ޒަހާ ވަހީދާ ކުރެއްވުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ގިނަ ސުވާލުތަކެއް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިނިސްޓަރު ޒަހާއާ ސުވާލު ކުރެއްވުމަށް ޖާބިރު މަޖިލީހަށް ހުށަހަޅުއްވާފައި ވާއިރު، އޭނާ ވަނީ މިއަދު މަސްވެރިކަމާ ބެހޭ ގަރާރެއްވެސް މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެ ގަރާރުގައި ގޮވާލާފައިވަނީ ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ނުރައްކާތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. މީގެ އިތުރުން، 50 މޭލުން އެތެރޭގެ ސަރަހައްދުގައި ލޭނު އެޅުމުގެ މަސްވެރިކަން ކުރުން ދިވެހި މަސްވެރިންނަށް މަނާ ނުކުރުމަށާއި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެއެވެ.
މިނިސްޓަރު ޒަހާއާ ކުރެއްވުމަށް ޖާބިރު ހުށަހަޅުއްވާފައިވާ ސުވާލުތައް:
- ލޭނު އެޅުމުގެ މަސްވެރިކަމަކީ މަސްވެރިންނަށް ވަރަށްބޮޑު އާމްދަނީއެއް ލިބެމުންއައި ކަމަކަށްވީއިރު، މިކަން ހުއްޓުމަށް ގެނެސްފައިވަނީ ކީއްވެގެންތޯ؟
- އަލުން ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ފުރުސަތު މަސްވެރިންނަށް ދެއްވުމުގެ ވިސްނުން އެބަހުރިތޯ؟
- އަލުން ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ފުރުސަތު މަސްވެރިންނަށް ދެއްވުމަށް ކިހާ ދުވަހެއް ނަގާނެތޯ؟
- ރާއްޖޭގެ އިގްތިސޯދު އެމައްޗަށް ބިނާވާ އެއްސިނާއަތު ކަމަށްވާ މަސްވެރިކަން ޒަމާނީ މަސްވެރިކަމަކަށް ހެދުމަށްޓަކައި މިހާތަނަށް އެއްވެސް ދިރާސާއެއް ކޮށްފައިވޭތޯ؟ ކޮށްފައިވާނަމަ އެދިރާސާގެ ނަތީޖާއަކީ ކޮބާތޯ؟
- ރާއްޖޭގައި އެންވެރިކަން އަމިއްލައަށް އުފެއްދޭނެ ގޮތުގެ މައްޗަށް އެއްވެސް ވިސްނުމެއް ގެންގުޅުއްވަންތޯ؟
ޖާބިރު ގެންދަވަނީ މިފަހަކަށް އައިސް މަސްވެރިންނަށް ދިމާވެފައިވާ މިފަދަ މައްސަލަތަކަށް މަޖިލީހުގެ ސަމާލުކަން ހޯއްދަވަމުންނެވެ. އެގޮތުން އޭނާ ވަނީ ފަރުވާ ދެވެން ނެތި މަސްވެރިން ޑިކޯވާ މައްސަލަ ވެސް ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅުއްވާފައެވެ.