ޗާގޯސް ޖަޒީރާ ނުވަތަ ފޭހަންދީބު އަދި މަލިކާ ބެހޭގޮތުން ސުވާލު ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.

މިނިސްޓަރު ޝާހިދާ، ސުވާލު ކުރުމަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު ވަނީ މަލިކު އަދި ޗާގޯސް ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ނޯންނާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މަލިކު

މަލިކާ ބެހޭގޮތުން ޖާބިރު ވަނީ މަލިކު އިންޑިއާގެ ރަށެއްގެ ގޮތުގައި ވެގެންދިޔައީ ކިހިނެތްތޯ ބަލާ، މަލިކު ރާއްޖެއަށް ލިބޭނެ ގޮތުގެމަތިން ސަރުކާރުން މަސައްކަތް ނުކުރަނީ ކީއްވެތޯ މިނިސްޓަރު ޝާހިދު ގާތު އެއްސެވުމަށް ހުށަހަޅުއްވާފައެވެ. ޖާބިރު ވިދާޅުވީ، މަލިކުގައި އުޅެނީ ދިވެހިބަހުން ވާހަކަ ދައްކާ ބަޔަކުކަން އެނގޭ ކަމަށާއި، މަލިކަކީ ކުރިން ރާއްޖޭގެ ރަށެއްކަން ތާރީހުން ހެކިދޭ ކަމަށެވެ.

މަލިކާ ބެހޭގޮތުން ޖާބިރުގެ ސުވާލު މިނިސްޓަރަށް އަމާޒުވެފައިވާއިރު، އޭނާ ވަނީ މަލިކުގެ މައްސަލައިގައި މިނިސްޓަރު ޝާހިދު ހާޒިރު ކުރައްވައި ސުވާލު ކުރައްވާނެ ކަމަށާއި 19 ވަނަ މަޖިލިހަށް މަލިކު މައްސަލަ ގެންނާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި ޖާބިރު ވަނީ މަޖިލީހުގައި އެންމެ ފުރަތަމަ މަސައްކަތް ކުރައްވާނީ އިންޑިއާގެ ބައެއްގެ ގޮތުގައި މަލިކު ހަމަޖެއްސި ސަބަބު ހޯއްދަވަން ކަން ފާހަގަ ކުރައްވައި އެކަމަށް ފޮރިން މިނިސްޓަރު ތައްޔާރުވެގެން ހުންނެވުމަށް ވެސް އަންގަވާފައެވެ.

ޗާގޯސް / ފޭހަންދީބު / ފޯޅަވަހި

ޖާބިރު ވިދާޅުވީ، އައްޑުއަތޮޅާއި ދުރުނޫން ސަރަހައްދެއްގައި އޮންނަ ފޭހަންދީބު ނުވަތަ ފޯޅަވަހި އަކީ ކުރިން ރާއްޖޭގެ ބައެއްކަން ތާރީހުން ހެކިދޭ ކަމަށެވެ. އަދި އައްޑު އަތޮޅު ފުރިހަމަ ވަނީ ފޯޅަވަހި ހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޖާބިރު ވަނީ ފޯޅަވަހި އިނގިރޭސިވިލާތުގެ ބައެއްގެ ގޮތުގައި އޮންނަނީ ކީއްވެގެން، ކޮންގޮތަކުންތޯ ބަލާ، ފޯޅަވަހިން ރާއްޖެއަށް ފައިދާ ލިބޭނެ ގޮތުގެމަތިން ސަރުކާރުން މަސައްކަތް ނުކުރަނީ ކީއްވެތޯ ފޮރިން މިނިސްޓަރު ގާތުން އެއްސެވުމަށް ހުށަހަޅާފައެވެ.

ފޯޅަވައްސާއި ބެހޭގޮތުން ޖާބިރުގެ ސުވާލު ފޮރިން މިނިސްޓަރަށް އަމާޒުވެފައިވާއިރު، މިނިސްޓަރު ޝާހިދު ވަނީ އދ.އިން ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ކިތަންމެ ދުވަހެއް ވިޔަސް، ރާއްޖެ އަށް ލިބެންވާ އެންމެ އިންޗެއްވެސް ދޫކޮށްނުލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި، ކަނޑުތަކާއި ބެހޭ ބައިނަލްއަގުވާމީ ގާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން) ގެ ދަށުން ރާއްޖެއިން ވަނީ 2010 ވަނަ އަހަރު އދ. އަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ އިންތައް ހުށަހަޅާފައެވެ. މި ހުށަހެޅުން އދއަށް ފޮނުވުމާއި ގުޅިގެން މޮރިޝަސްއިން ވަނީ އެހުށަހެޅުމާއި ދެކޮޅު ހަދާކަން އދ. ގެ ސެކްރެޓަރީ ޖެނެރަލްއަށް އަންގާފައެވެ

ކަނޑުގެ ސަރަހައްދުތަކަކީ ނުވަތަ އިންތަކަކީ ސީ އޮފް ކޮންވެންޝަންގެ ދަށުން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާ އިންތަކެކެވެ. އެގޮތުން، ރާއްޖެ މިނިވަން ވުމާއި އެކު ރާއްޖޭގެ އުތުރުގެ އިންތައް ކަނޑައެޅިފައި ވާއިރު، ރާއްޖޭގެ ދެކުނުގެ އިންތައް ކަނޑައެޅިފައެއް ނުވެއެވެ. ރާއްޖެ މިނިވަން ވުމާއި އެކު ރާއްޖޭގެ އުތުރުން މި އިންތައް ކަނޑައެޅުނީ، ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ހިމެނޭ ގޮތަށް ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

މި ސަރުކާރެކޭ އެއްގޮތަށް ކުރީގެ ސަރުކާރުތަކުން ވެސް މި ކަމާއި ގުޅިގެން ގެންގުޅެނީ ހަމައެއް ސިޔާސަތެކެވެ.