ކުޅެދޭ މީހުންނާ ނުކުޅެދޭ މީހުންނާ ދެމެދު ހަގީގީ ފަރަގެއް ނެތް ކަމަށާ، އޮތް ހަމައެކަނި ތަފާތަކީ އެމީހަކަށް ކެރުމާ ނުކެރުންކަން ސާބިތުކޮށްދެމުންދާ އެކަކީ އިންޑިއާއަށް އުފަން އަޝިޝް (މީޑިއާއަށް ދީފައިވަނީ އެންމެ ނަމެއް) އެވެ.

އަޝިޝްއަކީ އޭނާގެ އާއިލާ ބެލެހެއްޓުމަށްޓަކައި މަސައްކަތްކޮށްގެން އާމްދަނީ ހޯދާ ހަމައެކަނި ޒުވާނާއެވެ.

ޗައްތީޝްގަރުގެ ބާލްރަމްޕޫރަށް އަޝިޝް އުފަންވީއިރުވެސް އޭނާގެ ހަތަރެސް ފައިގެ ގުނަވަންތައް އެންމެ ފުރިހަމައަށް ހެދިފައެއް ނުވެއެވެ. ނަމަވެސް މިއަދުވެސް، އޭނާއަކީ އޮފީހެއްގައި ކޮމްޕިއުޓަރު އޮޕަރޭޓަރެއް ވަޒީފާ އަދާކުރަމުން އަންނަ ހީވާގި މުވައްޒަފެކެވެ.

ޖިސްމާނީ ނުކުޅެދުންތެރިކަމާއެކު އިންޑިއާއަށް އުފަންވި އަޝިޝް އޮފީހަށް ދަތުރުކުރާ ސައިކަލު/ފޮޓޯ: އޭއެންއައި

ގުރޭޑް 10ގެ ފަހު އިމްތިހާނު ނިންމާލުމަށްފަހު ވަޒީފާގެ މައިދާނަށް ނިކުތް އަޝިޝްގެ މުސާރައަކީ މަހަކު ގާތްގަނޑަކަށް 10000 ރުޕީޒްއެވެ. އޭނާ ދިރިއުޅޭ ގެ ހުންނަނީ އޮފީހާ 15 ކިލޯމީޓަރު ދުރުގައެވެ. އޮފީހަށް އައިސް ގޮސް ހަދަނީވެސް އަމިއްލައަށެވެ. އޭނާ ދުއްވާ، ހާއްސަ ސްކޫޓަރެއްގައެވެ. އޮފީހުގެ ކަންކަމުގައި އަޝިޝްގެ ބައްޕަވެސް ދަނީ އޭނާއަށް އެހީވަމުންނެވެ. އެކަމަކު އެ އާއިލާއަށް އާމްދަނީއެއް ލިބޭ ހަމައެކަނި މަސްދަރަކީ އަޝިޝްއެވެ.

އަޝިޝް މަސައްކަތްކުރާ އޮފީހުން ވާހަކަދެއްކި ސަންޖީވް ކުމާރު ސިފަކުރި ގޮތުގައި އަޝިޝްއަކީ ހީވާގި ޒުވާނެކެވެ. އަދި ގިނަ ބަޔަކަށް އިންސްޕިރޭޝަންއެކެވެ. އެގޮތުން އަޝިޝްގެ ބައްޕައަށް އެއޮފީހުން ރަސްމީ ވަޒީފާއެއް ހަމަޖެހޭތޯވެސް އަޝިޝް ވަނީ މަސައްކަތްކޮށްފައި ކަމަށް އެ އޮފީހުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޖިސްމާނީ ނުކުޅެދުންތެރިކަމާއެކު އިންޑިއާއަށް އުފަންވި އަޝިޝް އޮފީހަށް ދަތުރުކުރަނީ/ފޮޓޯ: އޭއެންއައި

ފާހަގަކުރަންޖެހޭ އެންމެ މުހިންމު އަނެއް ކަމަކީ، އޭނާއަކީ އިލްމީ ޒުވާނެއް ކަމެވެ. މިހާރުވެސް އޭނާ ދަނީ މަތީ ތައުލީމު ހާސިލުކުރުމަށް ކިޔަވަމުންނެވެ. ވަޒީފާއަށް ދަމުން، މަތީ ތައުލީމު ހާސިލުކުރުމަކީ ޖިސްމާނީ އަދި ނަފްސާނީ ދުޅެހެޔޮކަން ލިބި ކުޅެދޭ ހާލުގައި ތިބޭ ޒުވާނުންނަށްވެސް ބުރަ ބޮޑު ކަމަކަށް ގިނަ ފަހަރު އޮންނަނީ ވެފައެވެ.

އަޝިޝްއަކީ ދިރިއުޅުމައިގެން ކުރިއަށް ދިއުމުގައި އެއްވެސް ކަމެއްގައި ދެވަނަ މީހަކަށް ބަރޯސާވެ، ދިރިއުޅުމުގެ ދަތުރުގެ ލަގަން ދޫކޮށްލައިގެން ހުންނަ ޒުވާނެއް ނޫނެވެ.