ތ. މަޑިފުށީ ކައުންސިލް އިދާރާ އަޅާ ތަނާ ބެހޭގޮތުން ހިޔާލު ތަފާތުވުންތައް އުފެދިއްޖެއެވެ.
މަޑިފުށީ ކައުންސިލްގެ ރައީސް އިސްމާއިލް ހިލްމީ 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވަނީ ކައުންސިލް އިދާރާ އެޅުމުގެ މަސައްކަތް ރައްޔިތުން ނިކުމެ ހުއްޓުވާލި ކަމަށް ބުނާ ހަބަރު ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައްޔިތުން ނިކުމެ ކައުންސިލް އިދާރާ އެޅުމުގެ މަސައްކަތް ހުއްޓުވާލީ ނޫން ކަމަށާއި އެކަމުގައި ކުދި ކުދި ހިޔާލު ތަފާތުވުންތަކެއް އުފެދުނީ ކަމަށެވެ.
ހިލްމީ ވިދާޅުވީ ކައުންސިލް އިދާރާ އެޅުމަށް ނިންމާފައިވަނީ ރަށުގެ ބަނދަރު ސަރަހައްދުގައި ކަމަށާއި، ކައުންސިލް އިދާރާ އެތަނުގައި އެޅުމަކީ އެންމެ ރަނގަޅު ގޮތްތޯ ނުވަތަ އެއަށްވުރެ ރަނގަޅު ތަނަކަށް އިދާރާ ބަދަލު ކުރުމާއި މެދު އެކި ފަރާތްތަކުން ދެކެނީ އެކި ގޮތަށް ކަމަށެވެ. މަޑިފުށީގައި އާ ކައުންސިލް އިދާރާ އެޅުމުގެ މަސައްކަތާއި ބެހޭގޮތުން ހިޔާލު ތަފާތުވުން އުފެދިފައިވަނީ، އެ އިމާރާތް ބަނދަރު މަތީގައި އަޅަން ނިންމާފައި ވާތީއެވެ. މަޑިފުށީގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި، ބަނދަރު މަތީގައި ހުރި ހުސް ބިމުގައި ކައުންސިލް އިދާރާ އަޅާއިފި ކަމުގައިވާ ނަމަ ބަނދަރު މަތީގެ ރީތިކަން ގެއްލޭނެއެވެ.
ހިލްމީ ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށާއި، ކައުންސިލް އިދާރާ އެޅުމަށް އެންމެ އެކަށީގެންވަނީ ކޮންތަނެއްގައިތޯ ބެލުމަށް ރައްޔިތުންނާއި މަޝްވަރާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް މިއަދުން މިއަދަށް ވެސް ކުރުމަށް ތައްޔާރު ކަމަށް ހިލްމީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަމުގައި ގޮތް ނިންމާނީ ހުރިހާ ރައްޔިތުންގެ ވެސް މަޝްވަރާއާ އެކު، ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވަނީ އެ މަސައްކަތް ރައްޔިތުން ނުުކުމެ ހުއްޓުވާފައި ވާ ކަމަށެވެ.