ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި ހާއްސަކޮށް ދައުލަތުން ދޭ ހިދުމަތްތައް ރަނގަޅުކޮށް، ބޭކާރު ހަރަދާއި އިސްރާފުކުރުން ހުއްޓާލައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި "އިންޖިނިއަރިން ސިމްޕޯޒިއަމް 2019" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކުރާ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދުމާއި، ކުރާ މަސައްކަތްތަކާއި ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރަންޖެހޭކަމަށެވެ. އެގޮތުން މިސަރުކާރުން މަސައްކަތްތައް ކުރިޔަށްގެންދާއިރު ރައްޔިތުން އެންމެ ހިތްހަމަ ޖެހޭގޮތަށް، ހަރަދުކުޑަކޮށް އަދި ރަނގަޅު ފެންވަރުގައި، މަސައްކަތްތައް ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުން ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭނެކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ހާއްސަކޮށް އަސާސީ ހައްގުތަކާއި ހިދުމަތްތައް ދިނުމުގައި ރައްޔިތުންގެ ޝަކުވާއެއް ނޯންނާނޭހެން ހާމަކަން ބޮޑުގޮތެއްގައި ކުރިޔަށްގެންދިއުމަށްކަން އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ރަށްރަށުގެ އިންޖީނުތައް ބަދަލުކުރުމާއި އިންޖީނުގެތައް އިމާރާތްކުރުމާއި އިންޖީނުތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުން ގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މިހާތަނަށް 60 އަށްވުރެ ގިނަ ރަށަކަށް ޖަނަރޭޓަރު ފޯރުކޮށްދީފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ކަރަންޓް ބޭނުން ކުރާ ފަރާތްތަކުންވެސް އިސްރާފުކުޑަކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

އިންޖީނިއަރުންގެ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ގައުމަށް ބޭނުންވާ މިފަދަ ދާއިރާތަކުން މީހުން އުފެއްދުމުގެ މުހިންމުކަމާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންކަން ވެސް ފާހަގަކުރައްވާފައެވެ. މިއަދު ދަރުބާރުގޭގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ފެނަކައިގެ ބްރާންޗްތަކުގެ އިންޖީނުގެތައް "ރިމޯޓް ކޮންޓްރޯލު ކުރުމުގެ ނިޒާމު" އިފްތިތާހުކޮށްދެއްވާފައެވެ.