އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މުޅި ރާއްޖޭގައި މުޒާހަރާތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އެގޮތަށް ނިންމީ ރޭ ބޭއްވި ޕްރޮގްރެސިވް ކޯލިޝަނުގެ ކައުންސިލް ބައްދަލުވުމުގައި ހުށަހެޅުނު ގަރާރުތަކަށް ބެލުމަށްފަހު ކަމަށެވެ. އޭނާ ވިދާޅުވީ މުޒާހަރާތަކަށް ނިކުންނާނީ ދިމާވާނެ ހުރިހާ ގޮންޖެހުންތަކަށް ކުރިމަތިލުމަށް ސާބިތުކަމާއި އެކުގައި ކަމަށެވެ.

އަދުރޭ ވިދާޅުވީ އެޕާޓީން ކުރިއަށް ގެންދާ ހަރަކާތްތައް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވަންދެން ކުރިއަށް ގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި މުޒާރަހާތައް އިދިކޮޅު ފަރާތްތަކުން ކުރުމަށް ނިންމާފައިވާ މައިގަނޑު ބޭނުމަކީ ރައީސް ޔާމީން ޖަލަށްލާފައިވާތީ އެކަމާމެދު ހުރި ކަންބޮޑުވުންތަކަށް އަޑުއުފުލުމަށް ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް ހުށަހަޅާފައެވެ. އެކަމަށް އިޝާރާތް ކުރައްވާ އަދުރޭ ވިދާޅުވީ ސަރުކާރު ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް ކަފާލާތުގެ ދަށުން މިނިވަންވި ފަދައިން ރައީސް ޔާމީންވެސް ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މަގުމައްޗަށް މިއަދު އިދިކޮޅު ފަރާތްތަކުން ނިކުންނަން ޖެހުނީ ކޯޓުތަކުން އުސޫލުން ބޭރުން ކަންތައްތައް ކުރަމުން ދާތީ ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ދައުވާ ކުރި މައްސަލައާ ކުރެއްވި ހުކުމާއި ދިމާނުވާ ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މުޒާހަރާއަށް މި ނިކުންނަނީ ފުލުހުންނާއި ކުރިމަތިލާކަށް ނޫން. އަޅުގަނޑުމެން މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ. އަޅުގަނޑުމެން ފުލުހުންގެ އޯޑަރުތަކަށް ކިޔަމަން ވާނަން. އެއްގޮތަކަށްވެސް އެމްޑީޕީން އަލިފާން ބޯޅަ އުކާ ތަންތަނުގައި ހުޅުޖެހި ގޮތަށް އަޅުގަނޑުމެން ކަންކަމެއް ނުކުރާނަން. އަޅުގަނޑު ދަންނަވާލަން ބޭނުން މުޒާހަރާއަށް ނިކުތުމަކީ ވަރަށް ވޭން ހުރި ކަމެއް، ރޭގަ އަޅުގަނޑުމެން ނިކުތީމަ ވީގޮތް ތިބޭފުޅުންނަށް ސޯޝަލް މީޑިއާއިން ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ތެރެއިން މީހުންނަށް ލިބުނު އަނިޔާ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މުޅި ރާއްޖޭގައި ރައީސް ޔާމީން ދޫކޮށްލަންދެން ކުރިޔަށް ގެންދާ މުޒާހަރާތަކުގައި ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަކީ ޕްރޮގްރެސިވް ކޯލިޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ރޭ ވެސް އިދިކޮޅު ފަރާތްތަކުން ވަނީ މާލޭ ޖަލު ސަރަހައްދުގައި މުޒާހަރާ ކޮށްފައެވެ. އަދި އެ މުޒާހަރާއަށް ފުލުހުން ހުރަސް އެޅިއެވެ. އެ މުޒާހަރާގައި ބައެއް ފަރާތްތައް ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފަހުން އެމީހުން ވަނީ ދޫކޮށްލާފައެވެ.