މިހާރު މާލޭގައި މީހުން ވަޅުލަމުންދާ އާސަހަރާގައި ހުރި މަހާނަ ގާތަށް ނަގާ އުކާލާތީ ކަންބޮޑުވެލައްވާ ވާހަކަ ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވުމުން އެތައް ބައެއްގެ ފާޑު ކިއުން ވަޒީރަށް އަމާޒުވެއްޖެއެވެ.

މަލީހު މިފަދަ ވާހަކައެއް ދައްކަވާ ވަނީ ޓްވީޓެއް ކުރައްވާފައެވެ. މަލީހު ވިދާޅުވީ އާސަހަރާގެ ބައެއް މަހާނަ ގާތަށް ނަގައި އުކާލާފައި ވާ ތަން ފެނިވަޑައިގެން އޭނާގެ ހިތްޕުޅަށް ވަރަށް އަސަރު ކުރުވައިފި ކަމަށާއި އެ މަންޒަރަކީ މިހާރު ވަރަށް ގިނައިން ފެނިވަޑައިގަންނަވާ މަންޒަރެއް ކަމަށެވެ. އެ ޓްވީޓުގައި މަލީހު ލައްވާފައިވާ ފޮޓޯތަކަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ، އާސަހަރާއިން ނެގި މަހާނަތަކުން އެއީ އަދި ވަރަށް މަދު މަހާނަ ގާތަކެއް ކަމަށެވެ.

މީގެ އިތުރުން މަލީހު ވަނީ އާސަހަރާގައި ހުރި ބައެއް މަހާނަ ގާތަށް އެގޮތަށް ނަގާ އުކާލުމަކީ ރަނގަޅު ކަމެއްތޯ އައްސަވާފައެވެ. އަދި އެ މަހާނަ ގާތަށް އައިލާތަކަށް ގުޅައިގެން އެފަރާތްތަކަށް ހަވާލުކުރުމަކީ ކޮން ކަހަލަަ ކަމެއްތޯ ވެސް ވަނީ އައްސަވާފައެވެ.

މިފަދައިން މަލީހު ޓްވީޓު ކުރެއްވުމާ އެކު އާންމުންގެ ބަޔަކު ފާޑުކިޔާ ބުނެފައި ވަނީ މަލީހުއަކީ ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓްރު ކަމަށެވެ. އަދި މި ކަމަކީ މަލީހު ކުރައްވާ މަސައްކަތާ ގުޅުން ހުރި މަސައްކަތެއް ނޫން ކަމަށެވެ. އެގޮތުން އިންޓަނެޓް އަގުހެޔޮ ކުރުމަށް އާންމުން ވަނީ ގޮވާލާފައެވެ. އަދި އޭނާ ހުންނެވި މަގާމާ ނުގުޅޭ ކަންކަމުގެ ވާހަކަ ދައްކަވާތީ އެކަމަށް މީހުން ކޮމެންޓު ކޮށްފައި ވެއެވެ.

މާލެ ސަހަރާތަކަށް ވެލިއެޅުމަކީ ކޮންމެ ހަ އަހަރަކުން އެއްފަހަރު ކުރާ މަސައްކަތެއް ކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ. އެގޮތުން އާސަހަރާގެ އިރުމަތީ ފަރާތުގައި ހުރި މަހާނަ ގާތައް ނެގުމަށް މިދިޔަ މާޗް މަހު ސިޓީ ކައުންސުލުން ވަނީ އެދިފައެވެ. މާލޭ ސިޓީ ކައުންސިލުން އޭރު ކުރި އިއުލާނުގައި ބުނެފައި ވަނީ މާލޭ ސިޓީގައި މަރުވާ މީހުން ވަޅުލުމަށް ބޭނުން ކުރަމުންދާ އާސަހަރާގައި ޖާގަ ނެތް ކަމަށެވެ. އަދި މީހުން ވަޅުލުމަށް ޖާގަ ހެދުމަށް ސަހަރާގެ އިރުމަތި ފަރާތަށް ވެލިއެޅުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.