ރާއްޖޭގައި ހުރި އިންވެސްޓު ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ފިންލެންޑްގެ ވިޔަފާރިވެރިންނާއެކު މިނިސްޓާ އޮފް ފޮރިން އެފެއާޒް، އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ
މިނިސްޓަރު ޝާހިދު މިހާރު ފިންލޭންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފިންލެންޑްގެ ޗެމްބާ އޮފް ކޮމާސްއާ ބައްދަލު ކުރައްވާ އޭނާ ވަނީ، ރާއްޖޭގައި ހުރި ވިޔަފާރިއާއި އިގްތިސޯދީ ފުރުސަތުތަކުގެ މައުލޫމާތު ފިންލޭންޑްގެ ވިޔަފާރިވެރިންނާ ހިއްސާކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ޝާހިދު ވަނީ ރާއްޖޭގައި މިހާރު އޮތް ސަރުކާރަކީ، އިތުބާރު ހިފޭ ޕްރައިވެޓް ފަރާތްތަކާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ފިންލޭންޑްގެ ކުންފުނިތަކުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަ ކުރައްވާފައެވެ. އަދި އެފަދަ ހަކަތައަކީ ރާއްޖެފަދަ ޖަޒީރާ ގައުމަކަށް ވަރަށް މުހިންމު ހަކަތައިގެ ނިޒާމެއްކަން ފާހަގަކުރައްވާ ޝާހިދު ވަނީ އެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ފިންލެންޑްގެ ޗެމްބާ އޮފް ކޮމާސްއާއެކު ބޭއްވި މި ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިއާދް ހަމީދު ވަނީ، ރާއްޖޭގައި އިންވެސްޓުކުރަންވީ ސަބަބުތައް ތަފްސީލްކޮށް، "އިންވެސްޓިން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ހާއްސަ ޕްރެސެންޓޭޝަންއެއް ދެއްވާފައެވެ. އެއަށްފަހު، ފިންލޭންޑްގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާކަން ހާމަކުރައްވާފައެވެ.
މިނިސްޓަރު ޝާހިދު ފިންލެންޑަށް ރަސްމީ ދަތުރެއް ކުރައްވަނީ މިމަހު 27 ވަނަ ދުވަހުން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.