މަގާމުން ދުރުކޮށްފައިވާ ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް-ބަޝީރުގެ ސިޔާސީ ޕާޓީ އުވާލެވޭ ގޮތަށް އެގައުމުގައި އެކުލަވާލި ގާނޫނު ފާސްކޮށްފިއެވެ.
1989 ވަނަ އަހަރުން ފެށިގެން ސޫދާންގައި ޚުދުމުޚުތާރު ވެރިކަމެއް ކުރަމުން އައި އުމަރު އަލް-ބަޝީރުގެ ވެރިކަން މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ވައްޓާލީ އަސްކަރީ ބަގާވާތަކުންނެވެ.
ސޫދާންގެ ބައެއް ގާނޫނުތަކަށް ގެނައި ބަދަލާއެކު، އަންހެނުންގެ އުޅުން ވިލަރެސް ކުރުމަށް އެގައުމުގައި އެކުލަވާލާފައި އޮތް ގާނޫނެއްވެސް ވަނީ ބާތިލުކޮށްފައެވެ.
މި 2 ބަދަލީވެސް އުމަރު އަލް-ބަޝީރުގެ ސަރުކާރާ ގުޅުންހުރި ހުރިހާ ކަމެއް ބަދަލުކުރުމަށް ސޫދާންގެ މުޒާހަރާގެ ބައިވެރިން ކުރަމުންދިޔަ ޑިމާންޑްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ގެނައި 2 ބަދަލު ކަމަށް ޚަބަރު ލިބެއެވެ.
ސޫދާންގައި މިހާރު ވެރިކަން ކުރަމުން ދަނީ އަސްކަރިއްޔާއާއި މަދަނީ ބާރުތަކުގެ ގުޅިފައިވާ ކައުންސިލަކުންނެވެ. އަދި ކެބެނެޓްގެ ބާރުވެސް އޮންނަނީ މަދަނީ ފެކްޝަނަށް ކަމަށްވާއިރު، ބޮޑުވަޒީރު ކަމުގައި ހުންނެވީ ޢަބްދުﷲ ހަމްދޫކްއެވެ.
އުމަރު އަލް-ބަޝީރުގެ ނޭޝަނަލް ކޮންގްރެސް ޕާޓީ (އެންސީޕީ) އުވާލުމާއެކު، އެ ޕާޓީގެ މިލްކިއްޔާތުގައި ހުރި އެސެޓެއް، ކަމާބެހޭ ފަރާތްތަކަށް ނެގުމުގެ ހުއްދަ ލިބުނީއެވެ. ގާނޫނު ބުނާ ގޮތުން މިކަން ކުރާނެ ހާއްސަ ކޮމިޓީއެއްވެސް ވަނީ ކަނޑައަލާފައެވެ.
ބޮޑުވަޒީރު ހަމްދޫކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިކަން މިހެން ކުރަން ޖެހުނީ، "(އުމަރު އަލް-ބަޝީރުގެ) ސަރުކާރުން ވަގަށް ނަގާފައިވާ ރައްޔިތުންގެ މާލިއްޔާތު" އަލުން އަނބުރާ ހޯދުމަށެވެ.
އުމަރު އަލް-ބަޝީރުގެ ސިޔާސީ ޕާޓީ އުވާލި ގާނޫނު ބުނާ ގޮތުން އެ ޕާޓީގެ ސިއްކާގައި ސޫދާންގައި ދެން އެއްވެސް ހަރަކާތެއް ނުހިންގޭނެއެވެ. އަދި މިކަން 10 އަހަރަށް ދެމިގެންދާނެއެވެ.