އުރީދޫ މޯލްޑިވްސް އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވާ އެންމެ ކުލަ ގަދަ ދުވުން ކަމުގައިވާ ކަލަ ރަން ފެށެން ކުޑަތަން ވެއްޖެއެވެ.

އުރީދޫއިން ބުނީ ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެއް ކަމަށެވެ. އުރީދޫ ކަލަރަން ކުރިއަށް ދާނީ މިއަދު ހަވީރު 3.30 - 6.00 އަށް ކަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫ ކަލަރަންގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައާއި ޖޮގްކޮށްފައާއި ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް އުރީދޫއިން މައުލޫމަތު ދެއެވެ.

އުރީދޫ ކަލަރަންގައި ބައިވެރިވެ، މެޑަލް ލިބިގެންދާނީ ރަޖިސްޓާ ކޮށްފައިވާ ދުވުންތެރިންނަށް ކަމަށްވެސް އުރީދޫއިން ބުނެއެވެ. އެހެންނަމަވެސް، މި ދުވުމުގެ ފޯރީގައި ބައިވެރިވުމަށް ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށްވެސް، ހުދު ޓީޝާޓެއްގައި އުރީދޫ ކަލަރަން ގެ ތަޖުރިބާކޮށްލެވޭނެ ކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

މި ކަލަރަން ގައި ދެން އޮންނަ ހަރަކާތަކީ މިއޔުޒިކް ފެސްޓިވަލެވެ. ކަލަރަން މިއުޒިކް ފެސްޓިވަލް އޮންނާނީ މިރޭ 8.30 އިން ފެށިގެން ކަމަށްވެސް އުރީދޫއިން ބުނެއެވެ. މި ރޭ ހާއްސަކުރެވިފައިވަނީ ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ތަރިންނާއި އެކު ބާއްވާ މިއުޒިކް ޝޯއަކަށެވެ. މިފަހަރުގެ މިއުޒިކް ޝޯގައި ސްކައި ރޮކް، ގްރެވިޓީ، 2 ސެންސް، އީކުއޭޓިކް ވައިބް، ސިމްބޮލިކް ރިކޯޑްސް، ޒަކިއްޓެ ލައިވް، ލެވިޓޭޝަން ބައި ހަބޭސް އަދި ހަބޭސް ބޮޑުބެރު ފަދަ މަގްބޫލު އާޓިސްޓުން ފެނިގެން ދާނޭ ކަމަށް އުރީދޫއިން ބުނެއެވެ.