އުރީދޫ މޯލްޑިވްސްއިން ބާއްވަމުން އަންނަ ރާއްޖޭގެ އެންމެ ކުލަގަދަ ދުވުން، އުރީދޫ "ކަލަ ރަން"ގެ ފޯރި ގަދަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މޫދު އުފާ" ހަރަކާތްތަށް ކާމިޔާބު ކަމައިއެކު ނިންމާލައިފިއެވެ.

ހުޅުމާލޭ ރުއްގަނޑު، ބީޗް ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތައް ބައިވެރިވެފައި ވާއިރު ހުޅުމާލޭގެ ދާއިރާގެ މެންބަރު އަލީ ނިޒާރުވެސް މި ހަރަކާތް ތަކުގައި ބައިވެރި ވެފައި ވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.

މޫދު އުފާ ހަރަކާތުގައި ވެށިހުނަރުގެ ނަމުގައި "ސޭންޑް ކާސްލް" ހެދުމުގެ މުބާރާތަކާއި ބަކެޓް ގޭމް އަދި ވާދެމުމުގެ މުބާރާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އުރީދޫ ކަލާ ރަންގެ ފޯރި ގަދަ ކުރުމަށް ކުރިއަށް ގެންދިޔަ މޫދު އުފާ ހަރަކާތުގެ ތެރެއިން / ފޮޓޯ: އޫރިދޫ

ކަލަރަންގައި ހިމެނޭ އިތުރު ހަރަކާތެއްގެ ގޮތުގައި އުރީދޫ "ގުޑި މަހާސަމާ" މިއަދު ހަވީރު ހުޅުމާލޭގައި އޮންނާނެ ކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫ އިން ބުނީ "ގުޑި މަހާސަމާ" ގައި ހިމެނެނީ ގުޑި ހެދުމާއި ގުޑި އެރުވުން ކަމަށެވެ.

މީގެ އިތުރުން އުރީދޫއިން ބުނީ "ގުޑި މަހާސަމާ" ގައި ބައިވެރިވާ ކުދިންގެ މެދުގައި މި ގޭމު ކުރިއަށް ދާނީ މުބާރާތެއްގެ ގޮތުގައި ކަމަށެވެ. އަދި މި މުބާރާތުގައި އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫގެ ގުޑި މަހާސަމާގެ އިތުރުން ކަލާ ރަން މިފަހަރު ކުލަގަދަކޮށް ބާއްވަން ނިންމާފައިވަނީވެސް ހުޅުމާލޭގައެވެ. އެ ހަރަކާތް އޮންނާނީ މާދަމާގެ ހަވީރުއެވެ. އުރީދޫއިން ބުނީ މި ކަލާރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ.

ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭފަދަ މަޖާ އިވެންޓެކެވެ. އުރީދޫ ކަލާރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރެއެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ކަލަރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓާޓެއިނިންގް ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ ވަނަތައް ހޮވިގެންދާނެކަމަށްވެސް އުރީދޫއިން ބުނެއެެވެ.