ކްރައިމިއަން ޕެނިންސިއުލާއަކީ ރަޝިޔާގެ ސަރަހައްދެއްގެ ގޮތުގައި ފާހަގަކޮށްފައި ބޭއްވުމަށް ރަޝިޔާއިން ކުރަމުންދާ ޑިމާންޑްއާއި އެއް ގޮތަށް، އެޕަލް ކުންފުނީގެ އެޕްތަކުގައި ބޭނުންކުރާ ކްރައިމިއާގެ ޗާޓަށް ބަދަލު ގެނެސްފިއެވެ.
ޔޫކްރައިންގެ އަތުން ރަޝިޔާގެ ދަށަށް ރަޝިޔާގެ ބާރުތަކުން ކްރައިމިއާ ގެންދިޔައީ 2014 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. މިއީ ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓުވާލި އަދި ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެގެން ދިޔަ ހާދިސާއެކެވެ.
އެޕަލް މެޕްސްއާއި ވެދާ އެޕް ބުނާ ގޮތުގައި ކްރައިމިއާ މިހާރު ހިމަނާފައިވަނީ ރަޝީޔާގެ ސަރަހައްދެއްގެ ގޮތުގައައެވެ. ނަމަވެސް މިކަން މިގޮތަށް އޮންނަނީ ރަޝިޔާގައި ހުރެ، އެޕަލްގެ ޑިވައިސްތައް ބޭނުން ކުރާނަމަ އެކަންޏެވެ. ދުނިޔޭގެ އެހެން ހިސާބެއްގައި ހުރެ ކްރައިމީއާ ސަރަހައްދު ބަލާނަމަ، އެއީ ވަކި ގައުމެއްގެ ދަށުގައި އޮތް ސަރަހައްދެއްގެ ގޮތުގައި އެޕަލް އިން ފާހަގަކޮށްފައެއް ނުވެއެވެ.
އެޕަލްއިން މީގެ ކުރިންވެސް ވަނީ ކްރައިމިއާއަކީ ވަކި ގައުމެއްގެ ދަށުގައި އޮތް ސަރަހައްދެއް ނޫން ކަމުގައި ކަނޑައެޅުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެންމެ ފަހުން އެޕަލް ކުންފުނިން މިވަނީ، ރަޝިޔާއިން ބުނާ އެގައުމުގެ ގާނޫނީ އިމުގެ ތެރެއަށް އެޕަލްގެ އެޕްލިކޭޝަންތައް ވައްދާފައެވެ.
ގޫގްލްގެ އެޕްލިކޭޝަންތަކުގައިވެސް ކްރައިމިއާއަކީ ރަޝިޔާ ނުވަތަ ޔޫކްރައިންގެ ބައެއްގެ ގޮތުގައި ފާހަގަކޮށްފައެއް ނުވެއެވެ. ނަމަވެސް ކްރައިމިއާގެ ތަންތަނަށް ދީފައިވާ ނަން ލިޔުމުގައި ގޫގްލްގެ ޑިވައިސްތަކުގައި ބޭނުންކޮށްފައި ހުންނަނީ ރަޝީޔާގެ އިމްލާ އުސޫލުތަކެވެ.
ކަންމިހެން އޮތްއިރު، ރަޝިޔާގެ ދަށަށް ކްރައިމިއާ ގެންދިޔަ ގެންދިއުމަކީ ދުނިޔޭގެ ފެންވަރުގައި ބޮޑެތި ބާރުތަކަކުން އަދިވެސް ބަލައިގެންފައިވާ އަމަލެއް ނޫންކަން ފާހަގަކުރަންޖެހެއެވެ.