މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގާ ލާއިންސާނީ އަނިޔާތަކަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކެޝަން ގައި ވީޑީއޯ އާންމުކުރި އެމެރިކާގެ ޒުވާން އެކްޓިވިސްޓް ފީރޯޒާ އަޒީޒުގެ ކިބައިން، ޗައިނާގެ ޓިކްޓޮކް ކުންފުނިން މައާފަށް އެދިއްޖެއެވެ.

ޓިކްޓޮކް ކުންފުނިން ފީރޯޒާގެ ކިބައިން މައާފަށް އެދިފައި މިވަނީ، ޗައިނާއަށް ފާޑުކިޔާ ވީޑިއޯތަކެއް ޕޯސްޓްކުރުމުން އޭނާގެ އެކައުންޓްތައް ޓިކްޓޮކްއިން ބްލޮކް ކުރި މައްސަލާގައެވެ. އަދި މައާފަށް އެދި އެކައުންޓްތައް އަލުން ދޫކޮށްފައިވަނީ އުމުރުން 17 އަހަރުގެ ފީރޯޒާގެ ކުރީގެ އަމަލުތައް ހުރި ގޮތް ރަނގަޅަށް ބެލުމުގައި ފަހުގައި ކަމަށްވެސް ޓިކްޓޮކްއިން ވަނީ ބުނެފައެވެ.

ޓިކްޓޮކްއިން ބުނީ ފީރޯޒާގެ ވީޑިއޯ ޑައުންކޮށް އެކައުންޓް ސަސްޕެންޑްކުރީ އެޕްލިކޭޝަންގެ ކޮންޓެންޓް ވިލަރެސްކުރަމުންދިޔަ މީހުންނަށް އެރި އޮޅުމަކުން ކަމަށެވެ.

ފީރޯޒާ ބުނީ އޭނާ އަދިވެސް އެކަން ކުރާނެ ކަމަށާ، ލިބުނު ކޮންމެ ޕްލެޓްފޯމެއްގައިވެސް ޗައިނާގެ އަމަލުތަކަށް ފާޑުކިޔާނެ ކަމަށެވެ. އަދި ޓިކްޓޮކް ވީޑިއޯތަކުގައިވެސް އޭނާ އެކަން ކުރާނެ ކަމަށް ފީރޯޒާ ވަނީ ބުނެފައެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްއިން ހިންގާ ޓިކްޓޮކްއިން ބުނީ، ޗައިނާގެ މައި ސަރުކަރުން ހިންގާ އުސޫލުތަކަކީ އެކުންފުނިން ގެންގުޅޭނެ އުސޫލުތަކެއް ނޫންކަމަށާ، ވަކިން ހާއްސަކޮށް ޗައިނާއިން ބޭރުގެ އެކައުންޓްތަކުގައި މިކަން ނުއޮންނާނެ ކަމަށެވެ.

ޓިކްޓޮކްއިން ފީރޯޒާގެ އެކައުންޓްތައް ބްލޮކް ކުރުމާއެކު ގިނަ ބައެއްގެ ފާޑުކިއުންތައްވެސް އެ ކުންފުންޏަށް ވަނީ އަމާޒުވެފައެވެ.