ހޮންގްކޮންގްގައި ޑިމޮކްރަސީ ގާއިމުކުރުމަށް ގޮވާލާ، ޗައިނާގެ މައި ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަށް އެއްބާރުލުން ދިނުމަށް އެމެރިކާއިން އެކުލަވާލި ބިލުގައި އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސޮއިކުރައްވާ، ގާނޫނެއްގެ ހައިސިއްޔަތުގައި ތަސްދީގު ކުރައްވައިފިއެވެ.
އިންސާނީ ހައްގުތަކާ ޑިމޮކްރަސީ ގާނޫނަކީ ހޮންގްކޮންގްއަށް އެމެރިކާއިން ދީފައިވާ ހާއްސަ ދަރަޖަ ސާބިތުކޮށްދެވޭ ވަރަށް އެސަރަހައްދުގައި މިނިވަންކަމާ އިސްތިގުލާލު އޮތް މިންވަރު، ކޮންމެ އަހަރަކުވެސް ގަވައިދުން މުރާޖައާކުރުމަށް ބާރުދޭ ގާނޫނެކެވެ.
ބިލުގައި ސޮއިކުރައްވާ ގާނެއްގެ ހައިސިއްޔަތުގައި އިންސާނީ ހައްގުތަކާ ޑިމޮކްރަސީ އެކްޓް ތަސްދީގު ކުރައްވާފައިވާނީ ހޮންގްކޮންގެ ރައްޔިތުންނާ ޗައިނާގެ މައި ސަރުކާރުގެ ރައީސް ޝީ ޖީންޕިންގްއަށް ކުރަށްވާ އިހުތިރާމުގެ ތެރެއިން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕްގެ ވާހަކަފުޅުތައް މިފަދަ ގޮތަކަށް ހުރިއިރު ޗައިނާއިން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. ޗައިނާގެ ހާރިޖިއްޔާއިން ބުނީ އެމެރިކާއިން "ނުލަފާ ނިޔަތެއްގައި" ހިންގާފައިވަނީ ޖަރީމާއެއް ކަމަށާ، އެކަމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. މިއީ ދާހިލީ މައްސަލައެއްގެ ތެރެއަށް އެމެރިކާއިން ވަނުން ކަމަށާ، މިއީ ސީރިއަސް ކަމެއް ކަމަށާ، މިކަމަށް އޮތް ހަމައެކަނި ގޮތަކީ "ފެއިލްވުން" ކަމަށްވެސް ޗައިނާގެ ހާރިޖިއްޔާއިން ސިފަކުރެއެވެ.
ޗައިނާގެ މައި ސަރުކާރުގެ ދަށުން ހިންގަމުން އަންނަ ހޮންގްކޮންގްގެ އިދާރީ ސަރުކާރުންވެސް ބުނީ މިއީ މުޅި ދުނިޔެއަށް ނުބައި މެސެޖެއް ދޭނެ ގާނޫނެއް ކަމަށާ، މިއީ ހޮންގްކޮންގްގައި މިހާރު އުފެދިފައި އޮތް ނުތަނަވަސް މަސްރަހަށް ހަމަޖެހުން ގެނެސްދޭނެ ފިޔަވަޅެއް ނޫންކަމަށެވެ.
1997 ވަނަ އަހަރު އިނގިރޭސިންގެ އިސްތިއުމާރީ އަޅުވެތިކަމުން ހޮންގްކޮންގް މިނިވަން ކުރި ފަހުން އެސަރަހައްދަކީ، ކޮމިއުނިސްޓް ޗައިނާގެ މައި ސަރުކާރުގެ ދަށުން ހިންގާ، ވަކި އިދާރީ ދާއިރާއެކެވެ. ނަމަވެސް ހޮންގްކޮންގްގެ ރައްޔިތުން މިހާރު ދަނީ އެކަމަށް ނޫނެކޭ ބުނެ، ވަކިވެފައިވާ މިނިވަން ޑިމޮކްރަސީއަކަށް ހޮންގްކޮންގް ހެދުމަށް ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
މިދަނޑިވަޅަކީ އެމެރިކާއާއި ޗައިނާއާއި ދެމެދު ކުރަމުންދާ ވިޔަފާރީގެ ވަރުގަދަ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯއްދެވުމަށް ޗައިނާއާއިއެކު އެއްބަސްވުމެއް އެކުލަވާލެއްވުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެކެވެ.