ޓެސްކީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއެކު ޑްރައިވަރުންގެ ޖަމިއްޔާގެ އިސްވެރިން ރައީސްއާ ބައްދަލު ކުރުމުގެ ތެރެއިންނެވެ. ރައީސް ސޯލިހު ވަނީ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީގެ ހިދުމަތްދޭ އެހެނިހެން ފަރާތްތަކާއި ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް ދަތިނުވާނެ ގޮތަކަށް ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތްތައް ބައްލަވައި، ވީހާވެސް ފުރިހަމައަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ޓެކްސީ ޑްރައިވަރުންގެ ކިބައިން ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މިއަދު ހަވީރު އެ އޮފީހުގައި އޮތް ބައްދަލުވުމުގައި ޑްރައިވަރުން ވަނީ އެމީހުންނަށް ދިމާވެފައިވާ ދަތިތަކުގެ މައުލޫމާތާއި އެ ކަންކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައެވެ.
އެ މަޝްވަރާގެ ތެރޭގައި އިންޖީނު ލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން އުޅަނދު އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ވެފައިވާ އުޅަނދުތަކުގެ ހުއްދަ ބާތިލުކުރުމާ ގުޅިގެން ކުރިމަތިވާ ދަތިތަކުގެ ވާހަކަތައް ޑްރައިވަރުން ރައީސަށް ހިއްސާކުރިއެވެ. އަދި އެ ގަވާއިދުގެ ދަށުން ޓެކްސީކުރަން ބޭނުންކުރާ އުޅަނދުފަހަރު އާ ކުރުމަށް މާލީ ގޮތުން ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ޑްރައިވަރުން ރައީސް ސޯލިހާ މަޝްވަރާ ކުރި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން، ޓެކްސީގެ ހިދުމަތްތައް އެންމެ އެކަށީގެންވާ ފެންވަރުގައި ފޯރުކޮށް ދިނުމަށް ހުރި އެހެނިހެން ދަތިތަކުގެ ވާހަކަތައްވެސް ޑްރައިވަރުން ރައީސާ ހިއްސާކުރިއެވެ.