ދިބާޖާ އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑަށް 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އިތުރަށް ރިވިއު ނުކުރީ އެއަށް އިތުރު ބަދަލެއް ސުޕްރީމް ކޯޓުން އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭތީ ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ރިފްއަތު ހާޒިރު ކުރީވެސް ކުރިން މާލިއްޔަތު ކޮމެޓީގައި އެ ހުކުމް ރިވިއު ކުރާނެ ކަމަށް ވިދާޅުވެފައި އޮތް ނަމަވެސް އެ ހުކުމް ރިވިއު ނުކޮށް 174 މިލިއަން ރުފިޔާ ދީބާޖާއަށް ބަދަލުގެ ގޮތުގައި ދިނުމަށް ސަރުކާރުން ނިންމުމުންނެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަންޑާރަ ނާއިބު ރިފްއަތު ވިދާޅުވީ ސުޕްރީމް ކޯޓުން ދީބާޖާއަށް 348 މިލިއަން ދިނުމަށް ހުކުމް ކުރީ ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރި ތާރީހަކީ ގާނޫނުގައި ކަނޑައަޅާފައިވާ ތާރީހަށްވުރެ ފަސް ތާރީހެއް ކަމަށް ބަލާފައި ކަމަށެވެ. އަދި އެކަމަށް ބެލުމަށްފަހު ސިވިލް ކޯޓުން ކޮށްފައިވާ މުޅި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް އެ ކޯޓުން ނިންމީ ކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

"އެޓާނީ ޖެނެރަލް އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި މި އޮންނަނީ މުއްދަތު ފަހަނައަޅާ ދިއުމަށްފަހު އޭ އެހެންވީމަ އެއީކީއެއް ރަނގަޅު ގޮތެއް ނޫނޭ އަދި އެއީ މަގުބޫލު ސަބަބެއް ކަމަށް ސުޕްރީމް ކޯޓުން ގަބޫލު ނުކުރާ ކަމަށް. އެހެންވީމަ ދެން ދަށު ކޯޓުން ކޮށްފައިވާ ހުރިހާ ކަމެއް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމަނީ. އެހެންވީމަ މައުޟޫއީ ގޮތުން މި މައްސަލާގައި ސުޕްރީމް ކޯޓަށް ދިޔަސް ސުޕްރީމް ކޯޓުގެ ހުކުމް އެގޮތަށް އޮތަތީ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެ އަދަދަށް ބަދަލެއް އަތުވެދާނެ ކަމަކަށް އޭގެ ޒާތުގައި،" ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން އެފަދައިން ހުކުމް ކުރި ނަމަވެސް އިތުރަށް މައްސަލަ ރިވިއު ކުރުމުގެ ފުރުސަތު ދައުލަތަށް އޮތްކަން އެމަނިކުފާނު ގަބޫލުކުރެއްވިއެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގައި ހިނގާފައިވާ އެހެން މައްސަލަތަކުގައިވެސް އިސްތިސްނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ ބަލައިގަނެފައި އެބަހުރި ކަމަށެވެ.

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ ތެރެއިން، 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

އެ އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމް މިއަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.

ނަމަވެސް ކޯޓުން ބޭރުގައި ދީބާޖާއާ ދައުލަތާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސެޓްލްމެންޓް ކޮމިޓީގެ ލަފާގެ މަތިން 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި ނަމަވެސް އެ ފައިސާ އަދި ދޫކޮށްފައިނުވާ ކަމަށެވެ.

އެގޮތުން އެ ފައިސާ ދޫކުރާނީ ދީބާޖާއާއެކު މަޝްވަރާ ކުރުމަށްފަހު ކޮމިޓީންދޭ ލަފާގެ މމަތިން ކަމަށްވެސް ހޫދު ވިދާޅުވިއެވެ.